ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތުއްތު ކުދިންނަށް އުގަންނައިދިނުމަށް ހާއްސަކޮށްގެން ހިންގާ، މާފަންނު މަދަރުސާއަށް ޒިޔާރަތްކުރައްވައި އެ ސްކޫލުގެ ތުއްތުކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވައިފިއެވެ.
މާފަންނު މަދަރުސާގެ ދައުވަތަކަށް މިއަދު ހެނދުނު ރައީސް ސޯލިހް އެ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ސްކޫލުގެ އެކި ކްލާސްތަކަށް ވަޑައިގެން އެ ސްކޫލުގެ ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވައިފައެވެ. ރައީސް ސޯލިހް މާފަންނު މަދަރުސާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްފަހު ސްކޫލުގެ ދަރިވަރުންގެ ފަރާތުން އެމަނިކުފާނަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. ރައީސް ސޯލިހަށް މިފިލާ އެރުވީ އެ ސްކޫލުގެ ދަރިވަރުންނެވެ.
މި ޒިޔާރަތުގައި ރައީސް ސޯލިހްގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވަޑައިގެންނެވިއިރު މިނިސްޓަރު ވެސް ވަނީ ރައީސް ސޯލިހާ އެކު މާފަންނު މަދަރުސާގެ ދަރިވަރުން ނެގި ހަނދާނީ ފޮޓޯގައި ބައިވެރިވެވަޑައިގެންފައެވެ.
ރައީސް ސޯލިހް މާފަންނު މަދަރުސާއަށް ޒިޔާރަތް ކުރެއްވި މި ދުވަސްކޮޅަކީ އެ ސްކޫލުގެ ތުއްތުކުދިންނަށް ގައުމިއްޔަތާއިބެހޭ އެކިއެކި މައުލޫމާތު ހިމެނޭ ފިލާވަޅުތައް ނަގައިދެމުންދާ ދުވަސްވަރެކެވެ.