ބްރެޒިލްގެ އެމޭޒަން ރެއިން ފޮރެސްޓް ހިމާޔަތް ކުރުމަށް އިތުރަށް މަސައްކަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މުޅި ދުނިޔެއަށް އިލްތިމާސްކުރައްވައިފިއެވެ.

ރައީސް ސޯލިހް ރޭ ކުރެއްވި ޓްވީޓެއްގައި، ރާއްޖޭގެ ހުރިހާ ރައްްޔިތުންގެ ފަރާތުން، އެމޭޒަންއާ މެދު ކަންބޮޑުވުން ފާޅުކުރައްވާ، އެ ޖަންގަލި ހިމާޔަތް ކުރުމަށް އިލްތިމާސް ކުރެއްވީ، ރާއްޖެއަކީ ތިމާވެށި ނާޒުކު ގައުމެއް ކަމަށް ވިދާޅުވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ، އެމޭޒަން އަކީ ދުނިޔޭގެ އޮކްސިޖަންގެ 20 ޕަސެންޓް އުފައްދާ ދުނިޔޭގެ ފުއްޕާމޭ ކަމަށާ، އެ ޖަންގަލި އަނދަމުންދާތީ ހިތާމަކުރައްވާ ކަމަށެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޭސް ރިސާޗްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރަކީ ބްރެޒީލްގެ ޖަންގަލިތަކަކުގައި ރޯކުރި މިންވަރު 85 ޕަސެންޓް އިތުރުވެފައިވާ އަހަރެކެވެ. މީގެ ބޮޑު ބައެއް ހިއްސާކުރަނީ އެމޭޒަން ޖަންގަލި ސަރަހައްދުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ދުނިޔޭގައި މިވަގުތު އޮތް އެންމެ ބިޔަ އަދި ގުދުރަތީ ދިރުންތަކުގެ މުއްސަނދިކަން އިންތިހާއަށް ލިބިފައިވާ ބްރޭޒިލްގެ އެމޭޒަން ޖަންގަލީގައި އަލިފާން ރޯވެފައި/ފޮޓޯ: ނާޗޯ ޑޯސޭ

އެމޭޒަން ޖަންގަލީގައި ރޯވަމުންދާ އަލިފާންގަނޑުތަކުގެ ޒިންމާ، ތިމާވެށި ހިމާޔަތްކުރާ ފަރާތްތަކުން އަޅުވަނީ ބްރެޒީލްގެ ރައީސް ޖެއީރު ބޮލްސޮނާރޯގެ ސަރުކާރުގައެވެ. އެހެނީ، އެ ސަރުކާރަކީ ޖަންގަލިތަކުގެ ހުޅުޖަހައިގެން ދަނޑުވެރިކަމަށް ބިން ސާފުކުރުމަށް ހިތްވަރުދޭ ސަރުކާރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ސަރުކާރަކަށްވާކަމެވެ. މިއީ ބްރެޒީލްގެ އަމިއްލަ ކަމެއް ކަމަށާ، މިކަމާ އެހެން ގައުމުތަކާ ޖަމިއްޔާތަކުން ނުބެހުމަށްވެސް ބޮލްސޮނާރޯ ވަނީ ގޮވާލައްވާފައެވެ.

ދުނިޔޭގައި މިވަގުތު އޮތް އެންމެ ބިޔަ އަދި ގުދުރަތީ ދިރުންތަކުގެ މުއްސަނދިކަން އިންތިހާއަށް ލިބިފައިވާ ބްރޭޒިލްގެ އެމޭޒަން ޖަންގަލީގައި އަލިފާން ރޯވެފައި/ފޮޓޯ: ބްރޫނޯ ކެލީ

އެމޭޒަން ޖަންގަލީގައި ރޯވެ، އަނދަމުންދާތާ 4 ދުވަސް ވެފައި ވާއިރު، މިއީ ތާރީހަށް ބަލާއިރުވެސް އެމޭޒަންޖަންގަލީގައިވެސް މިހާ ބޮޑު އަލިފާންގަނޑެއް ކޮންޓްރޯލް ނުކުރެވި، ފެތުރެމުންދާ ފުރަތަމަ ފަހަރެވެ.