މަސްތުވަތާކެތި އަތުލައިގަތުމަށް މެލޭޝިއާގައި ކުރިއަށް ގެންދިޔަ ވަރުގަދަ ރެއިޑެއްގައި ގާތްގަނޑަކަށް 3700 ކިލޯގްރާމްގެ ކެޓަމައިން އާއި ކޮކެއިން އަތުލައިގެންފިއެވެ.

މިއީ މަސްތުވާތެކެތީގެ ޓްރާންސިޓް ހަބެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މެލޭޝިއާގެ ތާރީހުގައިވެސް މިހާ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަތް ފުރަތަމަ ފަހަރެވެ.

އެންމެ ފަހުގެ ރެއިޑުގެ ތަފްސީލަށް ބަލާއިރު 467 ކިލޯގްރާމްގެ ކެޓަމައިން އަލާފައި ހުރި ގޯނިތަކެއް އަތުލައިގެންފައިވަނީ ވެރިރަށް ކުއާލަލަމްޕޫރުގެ ރަށް ބޭރުން އޮންނަ ޕަންކަކް އަލާމްގެ ފިހާރައެއްގެ ތެރޭގައި ހުއްޓައެވެ. ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން މެލޭޝިއާ ކަސްޓަމްސްގެ ޑައިރެކްޓާ ޖެނެރަލް ޕަޑީ ޢަބްދުލް ޙަލީމު ވިދާޅުވީ، މިތަކެތި އަތުލައިގެންފައިވަނީ މެލޭޝިއާގެ ފުލުހުންނާ ކަސްޓަމްސް ގުޅިގެން ހިންގި ރެއިޑެއްގައި، މިމަހުގެ 18 ވަނަ ދުވަހު ކަމަށެވެ.

މިމައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކޮށްގެން ސުވާލުކުރި ކުރުމުން، 3200 ކިލޯގްރާމްގެ ކޮކެއިން ރައްކާކޮށްފައިވާ އެހެން ފިހާރައެއް ހޯދުނު ކަމަށް ޚަބަރު ލިބެއެވެ.

މިފަހަރުގެ ރެއިޑުން އަތުލައިގަތް ކެޓަމައިންއަކީ ޕާކިސްތާނު މަގުން މެލޭޝިއާއަށް އެތެރެކުރި މަސްތުވާތަކެތި ކަމަށް ބެލެވޭއިރު، ކޮކެއިން އެތެރެކޮށްފައިވަނީ އިކުއެޑޯ މަގުން ކަމަށް ކަސްޓަމްސްގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

ތަހުގީގު މިހާތަނަށް ގޮސްފައިވާ މިންވަރަށް ބަލާއިރު، މިތަކެއްޗަކީ 3 ވަނަ ގައުމަކަށް އެކްސްޕޯޓްކުރަން ހުރި ތަކެތިކަން އެނގިފައިވާކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ. އަތުލައިގަތް ތަކެތީގެ އަގު 161 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ޚަބަރު ލިބެއެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ މެލޭޝިއާގެ 4 މީހަކާ، 9 ބިދޭސީއެއް ކަމަށް މައުލޫމާތު ލިބެއެވެ. މެލޭޝިއާގެ ގާނޫނު ބުނާ ގޮތުގައި، ވަކި މިންވަރެއްގެ މަސްތުވާތަކެއްޗާއެކު މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އެމީހާގެ މައްޗަށް މަރުގެ ހުކުމް އިއްވަންޖެހެއެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ ހުކުމް އިއްވުން ފަސްކުރުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްގެ މަސައްކަތް މިވަގުތީ އޮތީ މަޑުޖައްސާލާފައެވެ.