އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން އަންނަ މަހުގެ 12 ވަނަ ދުވަހު "ދަވާލައިފި" ނަމުގައި ރެލީއެއް ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ އެ ރެެލީގައި އިދިކޮޅު ދެޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވާނެ ކަމަށެވެ. މި ރެލީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައި ގަންނަވާނެ ކަމެއް ނުވަތަ ނޫން ކަމެއް ވިދާޅެއް ނުވެއެވެ. ނަމަވެސް ޝުޖާއު ވިދާޅުވީ މިފަހަރުގެ ރެލީ އެޕާޓީން ބާއްވާ އެހެން ރެލީތަކާ ހިލާފު ވާނެ ކަމަށެވެ.

"ދަވާލައިފި މި ނަމަކީ އަޅުގަނޑަށް ހީވަނީ ދިވެހިިރާއްޖޭގެ މިހާރުގެ ހާލަތާ ވަރަށް ގުޅޭ ނަމެއްހެން. ދަވާލައިފި މިއީ ވަރަަށް ފުރިހަމަ ނަމެއްކަމަށް އަޅުގަނޑުމެން ގަބޫލުކުރަން މި ރެލީއަށް ކިޔަން." ރެލީގެ ނަމާ ގުޅޭގޮތުން ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނާއި އެ ކޯލިޝަނުގެ ހުރިހާ އިސްވެރިންގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުން ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރު ލޯކަލް ކައުންސިލް އިންތިހާބުން ބޮޑުތަނުން ބަލި ކުރުމަށް ކުރެވެން ހުރި ހުރިިހާ މަސައްކަތެއް އެ ދެ ޕާޓީން ކުރާނެ ކަމަށެވެ.

"އެންމެ ބޮޑަށް ފާރަވެރިވާނީ ވައްކަން ނުކޮށް މި އިންތިހާބު ކާމިޔާބު ކުރުމަށް ހެދޭނެ ހުރިހާ މެކޭނިޒަމެއް ހެދުމަށް. އިލެކްޝަންސް ކޮމިޝަނުގެ ރައީސަކީ މި ސަރުކާރުގެ ކުންފުންޏެއްގެ އެމްޑީއެއް ގޮތަށް އަޅުގަނޑުމެންނަށް އެބަ ސިފަވޭ. އެއީ ކޮންމެ ކަމަކާވެސް މީނަ އެބަ ބެހޭ،" ޝުޖާއު ވިދާޅުވިއެވެ.

މި ރެލީގެ އިތުރުންވެސް މި ދެޕާޓީ ގުޅިގެން ވަނީ ދެ ރެ ހަރަކާތެއް މިފަހަކުން ބާއްވާފައެވެ. ކާނިވާ ސަރަހައްދުގައި މީގެކުރިން ބޭއްވި މި ދެ ހަރަކާތަކީ "ފޭރުމާއި ދެކޮޅަށް" އަދި "ކޮބާ ނުވިއެއްނު" މި ނަމުގައި ބޭއްވި ހަރަކާތެކެވެ. މި ދެ ހަރަކާތުގައި ކުރީގެ ރައީސް ބައިވެރިވެވަޑައިގެން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.