މި ސަރުކާރު ނޭވާހޮޅިއަށް ނޭޅި އޮންނަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ސަބަބުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރު ނޭވާހޮޅިއަށް ނޭޅި އޮންނަނީ ގާސިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ހުންނަވާތީ ކަމަށެވެ. އާދަމް ޝަރީފް މި މޭރުމުން ވިދާޅުވީ، ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުނު ފަރާތްތަކުގެ ފޯމް ހަވާލު ކުރުމަށް މ. ކުނޫޒްގައި ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ގާސިމްގެ ތައުރީފް ސަރުކާރަށް އަމާޒުވުމާ ގުޅިގެންނެވެ.

އެގޮތުންް ގާސިމް ވަނީ، މި ސަރުކާރު ސްލޯ ވާހަކަ ދައްކާއިރު ވޭތުވެދިޔަ ދެ ސަރުކާރުން ވެސް އަހަރެއް ދޮޅު އަހަރު ވެގެން ދިޔައިރު މާބޮޑެތި ކަންތައްތަކެއް ކޮށްދެވިފައި ނުވާ ކަމަށާއި، މި ސަރުކާރުގެ ދުވުން ހަލުވި ކަމަށް ވިދާޅުވެފައެވެ. އަދި މިސަރުކާރުން އެންމެ ހަލުވި ސްޕީޑްގައި މަސައްކަތް ފަށައި ނުގަނެވިފައި ވަނީ މިދިޔަ ސަރުކުރާން ހާވާފައިވާ ހަޑިތައް ސާފުކުރަން ޖެހޭތީ ކަމަށް ގާސިމް ވިދާޅުވިއެވެ.

މިސަރުކާރުން މާގިނަ ކަންކަން ކޮށްފިކަމަށް ގާސިމް ވިދާޅުވި ނަމަވެސް ބައެއް އާންމުން ދަނީ ސަރުކާރުގެ ސްޕީޑް ލަސްކަމަށް ބުނެ ސަރުކާރަށް ފާޑުކިޔަމުންނެވެ. މީގެއިތުރުން، ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުގެ ތެރޭގައި އެމްޑީޕީ އާއި ސަރުކާރު ކޯލިޝަން ޕާޓީތަކުގެ މެންބަރުން ވެސް ފާހަގަކޮށްލެވެއެވެ. ގާސިމްގެ ތައުރީފް ސަރުކާރަށް އަމާޒު ކުރައްވާފައި ވާއިރު، ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތައް ވަކިން ނިކުތުމަށް ނިންމި ހިސާބުން ފެށިގެން ގާސިމްގެ ނުސީދާ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.