ގައުމީ ސަލާމަތުގެ މަސްލަހަތާ ގުޅުންހުރި ކަންކަމަށް ނުރައްކާވާކަމަށް ބުނެ، އިންޑިއާއަށް އުފަން ޒާކިރު ނައިކަށް މެލޭޝިއާގައި ފަތުވާ ނުދެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ޓެރަރިޒަމްއާއި ގުޅުންހުރި މައްސަލަތަކަކާ ހަމަނުޖެހުން އުފައްދަން މަސައްކަތްކުރި ކަމުގެ ތުހުމަތުތަކެއްގައި އިންޑިއާއިން ހޯދަން ބޭނުންވެފައިވާ ޒާކިރު ނަޔަކު މެލޭޝިއާގައި ދިރިއުޅެމުންދާތާ 3 އަހަރެއްހާ ދުވަސް ވަނީ ވެފައެވެ.

މެލޭޝިއާގައި ފަތުވާދީ ދަރުސްދީ ހެދުން ޒާކިރު ނައިކަށް މަނާކުރުމަށް މެލޭޝިއާއިން ނިންމާފައި ވަނީ، ދީނީ އަދި ނަސްލީ ހަމަނުޖެހުންތަކަށް ހިތްވަރުދޭ ގޮތަށް އޭނާ ވާހަކަ ދައްކަމުންދާތީ ކަމަށް ޚަބަރު ލިބެއެވެ. އެގޮތުން އޭނާ ވަނީ މެލޭޝިއާގައި ދިރިއުޅޭ ހިންދޫންނާ ޗައިނާ ދަރިކޮޅުގެ މީހުންނަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް ވާހަކަ ދައްކާފައެވެ. ނަމަވެސް އެއީ އެފަދަ ނިޔަތެއްގައި އޭނާ ކުރި ކަމެއް ނޫންކަމަށް ޒާކިރު ނައިކް ދަނީ ވަކާލާތު ކުރަމުންނެވެ.

މެލޭޝިއާއިން ދާއިމީ ރަށްވެހިކަން ހޯދައިގެން އުޅޭ ޒާކިރު ނައިކަށް ދޫކޮށްފައިވާ ރަށްވެހިކަން ބާތިލުކުރަންޖެހިދާނެ ކަމުގެ އިންޒާރު، މެލޭޝިއާގެ ބޮޑުވަޒީރު ޑރ މަހާތީރު މުޙައްމަދުވެސް ދާދިފަހުން ވަނީ ދެއްވާފައެވެ.