ދަރިންނަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތެވެ. ދަރިއެއްގެ އަގަކީ ކައްޓާއަކާއި މީޒާނަކުން ކިރާ ވަޒަން ކުރެވޭނެ ބުރަދަނަކަށް ވުރެ އަގުހުރި އެއްޗެކެވެ. ދަރިއަކަށް އެދިގެން އެކަމަށް މަސައްކަތް ކުރަން ފެށުމުގެ ކުރިންވެސް އުފުލަން ޖެހޭ ޒިންމާތަކެއް ހުރެއެވެ. ދަރިއަކު ހޯދުމަށް ތައްޔާރު ވާއިރު އަޅަން ޖެހޭ ފިޔަވަޅުތަކެއް ވެސް ހުރެއެވެ. މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަންނަ ހިސާބުން ފެށިގެން މި ޒިންމާތައް ވަކިން ބޮޑުވެގެން ދެއެވެ.

ގާނޫނުތައް ހެދި، ބައްޓަން ކުރެވިފައި އޮންނަ ގޮތުން މި ޒިންމާއަކީ ބަލިވެ އިންނަ އަންހެން މީހާ ނުވަތަ އޭނާގެ ބަނޑުގައި އޮތް ދަރިފުޅުގެ ބައްޕަގެ އެކަނި ޒިންމާއެއް ކަމުގައި ނުވެއެވެ. ދަރިފުޅުގެ މައިންބަފައިންގެ އިތުރުން ސަރުކާރާ މުޖުތަމައުގެވެސް ޒިންމާތަކެއް އޮވެއެވެ. ނަމަވެސް ކޮންމެވެސް ހިސާބަކުން ކަސިޔާރުވެ، ދަރިފުޅުގެ ދިރިއުޅުން އަމިއްލަ ފައިމައްޗަށް ކޮޅަށްޖެހޭ ވަރު ވުމުގެ ކުރިން ފާލުން ނެއްޓިދާ ފަހަރު އާދެއެވެ. އެކަމުގައި ކޮންމެވެސް ބައެއްގެ އިހުމާލުތަކެއް ހުރި ކަމުގައި ވީ ނަމަވެސް، ޖިނާއީ ކުށަކަށް ކުއްޖާ އަރައިގަންނަ ހިނދު އެކަމުގެ ޒިންމާ އުފުލާނެ މީހަކު ހުންނަން ޖެހެއެވެ. ބައެއް ހާލަތްތަކުގައި އެއީ ކުއްޖާގެ މައިންބަފައިންނެވެ. ނުވަތަ ބެލެނިވެރި ފަރާތްކަމުގައި ވާއިރު، އެކުއްޖަކު ކުރި ކުށެއްގެ ޒިންމާ އަމިއްލައަށް އުފުލަންޖެހޭ ހިސާބެއްވެސް އާދެއެވެ.

ކުޑަކުދިންނާ ޝަރުއީ ޒިންމާ

ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައި ވާ ސިޔާސަތުތަކާއި މުއާހަދާތަކުގެ އިމުގެ ތެރެއިން ގައުމީ ފެންވަރުގައި އެކުލަވާލާފައި ވާ ގާނޫނުތަކަށް ބަލާއިރު ކުޑަކުއްޖެއް ކަމުގައި ބަލާ އުމުރުގައި އެކި ގައުމުތަކުގައި ފަރަގުތަކެއް ހުރެއެވެ. ދިވެހިރާއްޖެއަށް ބަލާއިރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގާނޫނު (ގާނޫނު ނަމްބަރު 9/1991) އެބައޮތެވެ. މި ގާނޫނު ބުނާ ގޮތުގައި ރާއްޖޭގައި ކުޑަކުއްޖެއް ކަމުގައި ބަލާ ކުދިންނަކީ، މައިމީހާގެ ބަނޑުގައި އާދަމުގެ ދަރިޔާ ގަރުބަގަތީއްސުރެ، ދުނިޔެއަށް އުފަންވުމާ ދެމެދުގެ ހާލަތުގައި ވާ ކުދިންނާއި، ދުނިޔެއަށް އުފަންވުމަށް ފަހު މީލާދީ ގޮތުން 18 އަހަރު ފުރިހަމަނުވާ ކުދިންނެވެ.

ކުޑަކުދިން ޖިނާއީ ކުށުގެ ޒިންމާ އުފުލުން

އިސްވެދެންނެވުނު ގާނޫނު ނަމްބަރު 9/1991 ގެ 29 (ހ)ގައި ބަޔާންކޮށްފައިވާ ވާހަކަތަކަށް ބަލާއިރު، މިޤާނޫނުގެ ދަށުން ކުޑަކުއްޖެއް ކަމުގައި ބެލެވޭ ކުއްޖަކު، އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކުށެއް ކަމަށް ކަނޑައަޅާފައި ވާ ކަމެއް ކޮށްފި ހިނދެއްގައި، އޭނާއަކީ މުކައްލަފަކަށް ވާނަމަ، އެކަމެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ މަސްއޫލިއްޔަތު އުފުލުން އޭނާގެ މައްޗަށް ލާޒިމުވާނެ ކަމަށް ބަޔާން ކޮށްފައި ވެއެވެ. ދިވެހި ބަހުގެ ރަދީފު ބުނާ ގޮތުގައި މުކައްލަފަކީ، އިވުން ނުވަތަ ފެނުން މި ދެ ހިއްސުން ކުރެ ހިއްސެއް ސަލާމަތުން ހުރުމާ އެކު، ރަސޫލު ބޭކަލަކު ދީނަށް ގޮވާލެއްވި ގޮވާލެއްވުން އެމީހަކާ ހަމައަށް ވާސިލު ވެފައި ވާ، ބުއްދި ހުރި ބާލިޣު ވެފައިވާ މީހާއެވެ.

ޖިނާއީ ކުށުގެ ޒިންމާ އުފުލާ އުމުރަށް ބަދަލު ގެނައުން

ކުޑަކުއްޖެއް ކަމުގައި ބަލާ އުމުރަކީ 18 އަހަރުން ދަށް ކަމުގައި ވީ ނަމަވެސް، މި ގިންތީގައި ހިމެނޭ ބައެއް ކުދިންނަކީ ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭ ކުދިންނެވެ. ރާއްޖާގައި މި އުމުރުގެ ގޮތުގައި ހަމަޖައްސާފައި އޮތީ 10 އަހަރު ފުރުމެވެ. ނަމަވެސް ދިވެހިރާއްޖޭގެ އަދުގެ ސަރުކާރުން ދަނީ މި އުމުރު 15 އަހަރަށް މަތިކުރުމަށް މަސައްކަތް ތަކެއް ކުރަމުންނެވެ. މިހާރު އަމަލުކުރާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހަދާފައި އޮންނަ ގަވާއިދު ބުނާގޮތުން އުމުރުން 10 އަހަރު ވެފައިވާ ކުދިން އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައި ވާ ކުށްތަކާއި މަރުގެ ހުރިހާ ބާވަތެއްގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހެއެވެ. އަދި 15 އަހަރު ވުމަށް ފަހު ހުރިހާ ޖިނާއީ ކުށްތަކެއްގެ މަސްއޫލިއްޔަތު އުފުލަން ޖެހެއެވެ.

ކުޑަކުދިންގެ މައްޗަށް ގާނޫނު ހިންގައި ތަންފީޒު ކުރުމުގައި ގެންގުޅެން ޖެހޭނެ ހާއްސަ އުސޫލުތަކާއި ފިޔަވަޅުތައް ކަނޑައަޅައި ބަޔާންކޮށް، މި ކަންކަމުގެ މައްޗަށް އެކުލެވިގެންވާ ހާއްސަ ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ގާއިމު ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ކަނޑައަޅާ، ރައީސް އޮފީހުން މިހާރު ވަނީ ކުޑަކުދިން ޖިނާއީ ޒިންމާ އުފުލަން ޖެހޭ އުމުރު 15 އަހަރަށް ބަދަލު ކުރުމަށް ގޮވާލައި ބިލެއް މަޖިލީހަށް ފޮނުވާފައެވެ. މި ބިލު ފާސްވެ ގާނޫނަކަށް ވެއްޖެނަމަ ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަކީ، އުމުރުން 15 އަހަރު ކަމުގައި ކަނޑައެޅޭނެއެވެ.

ބައިނަލްއަގުވާމީ މަސްރަހަށް ކަޅިއެއް

ބައިނަލްއަގުވާމީ މަސްރަހުގައި ކަން އޮތް ގޮތަށް ބަލާއިރު، ކުޑަކުދިން ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭނެ އުމުރެއް ކަނޑައެޅުމުގެ ބާރު ދޫކޮށްލާފައި އޮންނަނީ ވަކިވަކި ގައުމުތަކުގެ ސަރުކާރުތަކުގެ މައްޗަށެވެ. އަދި ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ ދަށުން، އެގައުމެއްގައި ކުޑަކުދިންގެ ހައްގުތަކުގެ ހާލަތު ހުރި ނެތް ގޮތް ބަޔާން ކުރާ ރިޕޯޓެއް ކޮންމެ ދެ އަހަރަކުން އދ އަށް ހުށަހަޅަން ޖެހެއެވެ. ގައުމުތަކުން މިހާތަނަށް ހުށަހަޅާފައިވާ ރިޕޯޓްތަކާ، އެ ރިޕޯޓްތަކާ ގުޅިގެން ބައިނަލްއަގުވާމީ ޕޯޑިއަމް ތަކުގައި ދެކެވެމުން ދާ ވާހަކަ ތަކަށް ބަލާއިރު، ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރަކީ 10 އަހަރަށް ވުރެ ދަށް އުމުރެއް ކަމުގައި ކަނޑައަޅާފައި ވާ ގައުމުތަކަށް ބޮޑެތި ފާޑުކިއުން ތަކެއް ދަނީ އަމާޒު ވަމުންނެވެ. ކަން މިހެން އޮތް ނަމަވެސް، މި ގިންތީގައި ހިމެނޭ ގައުމުތަކުގެ އަދަދުވެސް މަދެއް ނޫނެވެ. ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާ އިރު ވެސް ކަން އޮތީ މި ގޮތަށެވެ. ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އެންމެ ހަގު އުމުރަކީ 10 އަހަރު ކަމުގައި ނޭޕާލުން ހަމަޖައްސާފައި ވާއިރު، ސްރީލަންކާއިން ކަނޑައަޅާފައި ވަނީ 8 އަހަރެވެ. އަފްޣާނިސްތާނު، ބަންގްލަދޭޝް އަދި ޕާކިސްތާނުގެ އިތުރުން އިންޑިއާގައިވެސް މި އުމުރަކީ 7 އަހަރެވެ. ބޫޓާންގައި ވަކި އުމުރެއް ނެތެވެ.

އުތުރު އެފްރިކާއާއި މެދުއިރުމަތީގެ އިސްލާމީ ބޮޑެތި ގައުމުތަކަށް ބަލާ އިރު ވެސް މިކަން އޮތީ މިފަދަ ގިއުގަނޑެއްގެ ތެރޭގައެވެ. ސައިޕްރަސް، މިސްރު، އުރުދުން، ކުވައިތު، ލުބްނާނު، ގަތަރު، ސޫދާން، ސޫރިޔާ، އެކުވެރި އަރަބި އިމާރާތް، ޔަމަނު އަދި ސައުދީ އަރަބިއްޔާގައި ވެސް ކުޑަކުދިން ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރެއް ކަމުގައި ކަނޑައަޅާފައި ވަނީ 7 އަހަރެވެ. އޮމާން، އިރާގު އަދި އިރާނުގައި 9 އަހަރު ކަމުގައި ކަނޑައަޅާފައި ވާއިރު، 15 އަހަރުގައި ގިންތި ކޮށްފަ އިވަނީ ބަހްރައިން އެކަންޏެވެ.

ކުޑަކުދިން ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭ އެންމެ ހަގު އުމުރަކީ 15 އަހަރުގައި ކަމަށް ބަދަލު ކުރުމަށް ރާއްޖެއިން މަސައްކަތް ތަކެއް ކުރަމުން ދާއިރު، މި ގިންތިއާއި އެންމެ ގާތުގައި އުޅެނީ ވިލާތާ، މެދުތެރޭ އަދި އިރުމަތީ ވިލާތުގެ ގައުމުތަކާ ބޯލްޓިކް ދައުލަތް ތަކެވެ. މި އުމުރަކީ 15 އަހަރު ކަމުގައި ކަނޑައަޅާފައި ވާ ފާހަގަ ކޮށްލެވޭ ބައެއް ގައުމުތަކުގެ ތެރޭގައި ޑެންމާކް، ފިންލަންޑް، އައިސްލަންޑް، ނޯވޭ އަދި ސްވީޑްން ފަދަ ކުރިއަރާފައިވާ ތަހުޒީބު ގައުމުތައް ހިމެނެއެވެ.

ވަކި އުމުރެއް ކަނޑައަޅާ ސިއްކަ ޖެހިދާނެބާ؟

މިފަދަ ގޮތަކަށް ކަން އޮތްއިރު، މުޖުތަމައުގެ އެންމެ ވަރުގަދަ ޕްލެޓްފޯމުތަކާ ޕޯޑިއަމް ތަކުގައި ތަފާތު ގޮތް ގޮތަށް ހޫނު ބަހުސްތަކެއް ވަނީ ފަށާފައެވެ. އިންސާނީ ހައްގުތަކުގެ ދިފާއުގައި ވަކާލާތު ކުރަމުން ދާ ފަރާތްތަކުން މިކަމަށް ހިތްވަރު ދެމުން ދާއިރު، އިސްލާމީ ޝަރީއާގެ ތެރެއިން ޒިންމާ އުފުލަން ޖެހޭ ހައްދުތަކެއް ކަނޑައެޅިފައި ވާކަން އަނެއް ބަޔަކު ދަނީ ހަނދާން ކޮށްދެމުންނެވެ.

ކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި، ތަހުގީގު ކޮށް، އިންސާފުކޮށް، އަދަބުދޭން ޖެހޭ ކަންތައްތަކުގައި އަދަބު ދޭނޭ ވަކި ނިޒާމެއް ހަމަޖެހިފައި އޮންނަން ޖެހެއެވެ. އަދި މުކައްލަފުން ކަމުގައި ނުހިމެނޭ ކުދިން ކުރާ ކުށްކުށުގައި އިސްކަން ދިނުން އެދެވެނީ އަދަބެއް ނުދީ އިސްލާހު ވޭތޯ ބެލުމުގެ މައްޗަށެވެ. ވީއިރު، ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އެންމެ ހަގު އުމުރަކީ ކޮބައިތޯ ކުރެވޭ ސުވާލު ޖަވާބުގައި، މިކަމުގައި ކަނޑައެޅޭ ވަކި އުމުރެއް ބަޔާންކޮށް ސިއްކަ ޖެހުމަކީ އެންމެ ރަނގަޅު ގޮތްތޯ ވިސްނާލުން ބުއްދިވެރި ނޫންތޯއެވެ!