ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު 1.52 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި އެވެ.

ކަސްޓަމްސްއިން ބުނީ މިއަދު ސްރީލަންކާއިން އައި 25 އަހަރުގެ ދިވެހި ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން އޭނާއާ މެދު ޝައްކު ކުރެވިގެން ބަލައި ފާސްކުރި އިރު، އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެތަކެތި ފުރަތަމަ މަރުހަލާގެ ތަހުލީލުން ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވު ވެފައި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގައި ޖުމްލަ ބަރުދަނުގެ ގޮތުގައި 1.52 ކިލޯ ހުރިކަމަށާއި، މިތަކެތީގެ މަގުމަތީގެ އަގު ގާތްގަނޑަކަށް 1 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި މި މައްސަލާގައި ޝަމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނަށް ހަވާލުކުރެވިފައި ވާކަމަށް ކަސްޓަމްސްއިން ބުނެއެވެ. މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިފަހުންވެސް ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކުވަނީ ހައްޔަރުކޮށްފަ އެވެ. ކަސްޓަމްސްއިން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 35 އަހަރުގެ ކޮސްޓަރިކާ އަންހެނަކާއި 42 އަހަރުގެ ސިންގަޕޫރު ފިރިހެނެކެވެ.