އިތުރު އެހީއަކާ ނުލާ އުސް އިމާރާތްތަކަށް އެރުމުގެ ރޮނގުން "ފަރަންސޭސި ސްޕައިޑާމޭން"ގެ ނަމުން ވަނަން ދެވިފައިވާ އެލެއިން ރޮބާޓް، ހޮންގްކޮންގްގެ އެންމެ އުސް އިމާރާތްތަކުގެތެރެއިން އިމާރާތެއްގައި، ސުލްހައިގެ ދިދަ ނަގައިފިއެވެ.

ހޮންގްކޮންގްގެ ތާރީހު ނުދެކޭ ވަރުގެ، ވަރުގަދަ މުޒާހަރާތަކެއްގައި ބެދިފައިވާ ހޮންގްކޮންގްގެ އުސް އިމާރާތެއްގައި ސުލްހައިގެ ދިދަ ނަގާފައިވަނީ، މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

68 ބުރީގެ އުސް އިމާރާތުގައި، އެލެއިން ރޮބާޓް ނެގި ސުލްހައިގެ ދިދައިން ފެނިގެންދަނީ ޗައިނާއާއި ހޮންގްކޮންގްގެ ދިދައެވެ. އަދި ދެއަތްތިލައެއް، އަތާ އަތް ޖޯޑުކޮށް ސަލާމްކުރާތީވެސް ފެނެއެވެ.

ސުލްހައިގެ ދިދަ ހިފައިގެން، އިމާރާތުގެ ބޭރުން، އެ އިމާރާތުގެ މައްޗަށް އަރަން ފެށުމުގެ ކުރިން، އުމުރުން 57 އަހަރުގެ ރޮބާޓް ވަނީ މިމިޝަންގެ މަގުސަދު ތަފްސީލުކޮށްދީފައެވެ. އެއީ ހޮންގްކޮންގްގައި ހިންގަމުންދާ ހަމަނުޖެހުންތަކަށް ހުއްޓުމެއް ގެނެސް، ހޮންގްކޮންގްގެ ރައްޔިތުންނާ، ސަރުކާރާ ދެމެދު ސުލްހައިގެ މަޝްވަރާތައް ފަށަން ގޮވާލަން ހިތްވަރު ދިނުން ކަމަށް ރޮބާޓް ވަނީ ފާހަގަކޮށްފައެވެ.

ނުރައްކާތެރި، ހޫނުގަދަ މުޒާހަރާތަކެއް ހޮންގްކޮންގްގައި ކުރަމުން އަންނަތާ މިހާރުވަނީ 10 ވަރަކަށް ހަފުތާ ފާއިތުވެފައެވެ. މިމުޒާހަރާތައް ފެށިފައިވަނީ، ޗައިނާގެ މައި ސަރުކާރަށް ބާރު ލިބޭ ގޮތަށް، ހޮންގްކޮންގްއިން ގައިދީން ގެންދިއުމުގެ ގާނޫނަށް ގެންނަން މަސައްކަތްކުރި އިސްލާހަކާ ގުޅިގެންނެވެ. މި އިސްލާހުގެ ބިލް ވަގުތީ ގޮތުން މަޑުޖައްސާލާފައި އޮތެއް ކަމަކު، މިކަމުގައި ދޫ ދިނުމަށް ހޮންގްކޮންގްގެ އިދާރީ ސަރުކާރަކުން ނުވިސްނައެވެ.

1997 ވަނަ އަހަރު އިނގިރޭސިންގެ އަތްދަށުން ހޮންގްކޮންގް މުޅިން މިނިވަންވިފަހުން އެ ސަރަހައްދު އޮންނަނީ ޗައިނާގެ އިދާރީ ދާއިރާއެއްގެ ގޮތުގައެވެ.