ދެން އަންނަ ދައުރެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތި ލައްވަފާނެ ފަދަ މޭރުމަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވާހަކަ ދައްކަވައިފިއެވެ.

ރައީސް ޔާމީނު ވިދާޅުވީ "ރިޔާސީ އިންތިހާބާ އެހެންވެސް ކަންކަން ކުރެއްވޭނީ ދައުލަތް ދައުލަތަކަށް ވެގެން ކަމަށާ، އެމަނިކުފާނުގެ ހަށިކޮޅުގައި ހިތްވަރު ހުރެއްޖެ ނަމަ އަނެއްކާ ވެސް މަސައްކަތްޕުޅު ތަކެއް ކުރައްވާނެ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތި ލެއްވުމަށް ވުރެ ދެއްކުން މާ މުހިންމު ވާހަކަ ހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އުއްމީދުތަކަކާ ހުވަފެންތަކެއް އެބަހުއްޓޭ ބޯހިޔާވަހިކަމާ އަނެއް ކަމަކާ، އަނެއް ކަމަކާ. އެކަމަކު ދައުލަތެއް ދައުލަތެއްގެ ގޮތަށް އޮންނަން އެބަޖެހޭ ދެއްތޯ. ދައުލަތުގެ ނިޒާމުތަކެއް ހުންނަން އެބަޖެހޭ. ދައުލަތުގެ މުއައްސަސާތަކަކީ ޒިންމާދާރު ބަޔަކަށް ވާންޖެހޭ،" ރައީސް ކަމަށް ކުރިމަތި ލެއްވުމަށް ވުރެ މުހިންމު ވެވަޑައިގަންނަވާ ކަންތައްތަކުގެ ތަފްސީލު ދެއްވަމުން ޔާމީން ވިދާޅުވިއެވެ.

އެގޮތުން ދިވެހި ދައުލަތް ދައުލަތަކަށް ވާންޖެހޭ ވާހަކަ ދެއްކުން މާ މުހިންމު ކަމަށާ، އަންނަ ދައުރުގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު އެއްޗެއް ވިދާޅުވާންވީ ވަގުތަކީ މިއީ ނޫން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

އިތުރަށް ތަފްސީލަށް ވަޑައިނުގެން ޔާމީން ވަނީ މިހާރު ދައުލަތުގެ ކަންކަން ހިނގަމުން ދާގޮތަށް ފާޑު ވިދާޅުވެފައެވެ. ޔާމީން ވިދާޅުވީ ދައުލަތުގެ ނިޒާމުތައް ހުންނަންްވާނީ ރައްކާތެރިކަމާ އެކީގައި ބެލެހެއްޓިފައި ކަމަށް ވިޔަސް މިހާރު މިއޮތީ ހުރިހާ ކަމެއް މައްސުނިވެފައި ކަމަށެވެ.

"މިހާރު ބައްލަވާ އަަދުލު އިންސާފުގެ ދާއިރާ ހިނގަނީކީ ނޫން، އޭގެ ބަދަލުގައި ރައީސް އުފައްދަވާފައި ހުރި ރިޔާސީ ކޮމިޝަންތަކުން ތަހުގީގު ކުރަނީ، ޝަރީއަތް ކުރަނީ. ކޮބައިތޯ އަދުލު އިންސާފުގެ ދާއިރާ. މިއީތޯ ޑިމޮކްރަސީ އަކީ. އެހެންވީމަ އަޅުގަނޑަށް މާ މުހިންމު ދައުލަތެއްގައި ނިޒާމު ތަކެއް ހުރުން،" ދައުލަތުގެ ނިޒާމު ތަކަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައި ވާ އިރު، ދައުލަތުގެ 3 ބާރުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރަނީ ވެރިކަން ކުރާ އެމްޑީޕީންނެވެ. ޖުޑީޝަރީގެ ބެލެނިވެރި ފަރާތް ކަމުގައި ވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބެންޗުގައި އޮތީ ސަރުކާރުގެ ކޮންޓްރޯލެވެ.