މާލޭގައި ހަދަމުންދާ އިމާރާތެއްގައި މަސައްކަތް ކުރަމުންދާތީ އަޑުގަދަވެގެން އެކަން ހުއްޓުވުމަށް އިމާރާތަށް އެރި މީހަކު ވައިގޮޅިއަށް ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ މާފަންނުގައި ހަދަމުންދާ އިމާރާތަކުން އަޑުގަދަވާތީ، ހިތްހަމަ ނުޖެހިގެން، ޖެހިގެން ހުރި ގޭގައި ދިރިއުޅޭ 40 އަހަރުގެ ދިވެހި ފިރިހެނެއް މަސައްކަތް ކުރަމުން ދިޔަ އިމާރާތަށް އަރާ އުޅެނިކޮށް އެ އިމާރާތުގެ ވައިގޮޅިއަށް ވެއްޓިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެމީހާ ވެއްޓުނީ އިމާރާތުގެ ފަސްވަނަ ފަންގިފިލާގެ ވައިގޮޅިން ދެވަނަ ފަންގިފިލާއަށް ކަމަށެވެ. މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:15 ހާއިރު ކަމަަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި ވެއްޓުނު މީހާގެ ބޭރުފުށުން މާބޮޑު އަނިޔާއެއް ލިބިފައިި ނުވާ ކަމަށެވެ. އަދި ވައިގޮޅީގައި ހުރި އޭސީގެ އައުޓްޑޯ ދެ ޔުނިޓަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފަހަކަށް އައިސް މާލޭގައި ހަދަމުންދާ އިމާރާތްތައް ގިނަވެ ދަންވަރާއި ދުވާލުވެސް މަސައްކަތް ކުރަމުންދާތީ އާންމުން އަންނަނީ އެކަމާ ޝަކުވާކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިހެން މަސައްކަތް ކުމުގެ ތެރޭގައި ހިތާމަވެރި ހާދިސާތައް ވެސް ވަނީ ހިނގާފައެވެ.