އައްޑު އަށް 50 ފީތާ ތާރު ލިބުމުން ޑެޕިއުޓީ މޭޔަރު އުފާވުމުން ދޭހަ ވަނީ އައްޑޫގެ ހާލަތު ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އަލީ ނިޒާރު މި މޭރުމުން ޓްވީޓް ކުރެއްވީ، ދެ ދުވަހެއްގެ ތެރޭގައި އައްޑޫގެ ތާރު މަގުތައް މަރާމާތު ކުރުމަށް ބޭނުންވާ ތާރު ލިބޭނެ ވިދާޅުވެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. އެގޮތުން ޑެޕިއުޓީ މޭޔަރު ވިދާޅުވީ، ތާރު އަޅައިގެން ހަދާފައިވާ މަގުތަކަކީ އަބަދުމެ ބަލަހައްޓާ މަރާމާތު ކުރަންޖެހޭ އިންފްރާސްޗްރަކްޗާ ތަކެއް ކަމަށެވެ.
އައްޑޫގެ މަގުތައް ހެދުމަށް ބޭނުންވާ ފައިސާ އިންޑިޔާގެ އެގްޒިމް ބޭންކުން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް، އައްޑޫގެ ތަރައްގީއަށް މަސައްކަތެއް ނުކުރެވޭ ކަމަށް ބުނެ ނިޒާރު ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާއިރު، ނިޒާރު ވަނީ އައްޑޫގައި އަޅާ ފުލުހުންގެ އަސްކަރީ މަރުކަޒަކީ އައްޑޫގައި ދާއިމީކޮށް ދިފާއީ ބާރެއް ދަމަހައްޓަން ހިންގޭ ސިއްރު މަޝްރޫއެއް ތޯ ސުވާލު އުފައްދަވައިފައެވެ. އެގޮތުން ނިޒާރު ވިދާޅުވީ، ބިން ކުޑަ އައްޑޫގައި ދިވެހި ސިފައިން ވިޔަސް ފުލުހުން ވިޔަސް އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބިން ބޭނުން ކުރުމަކީ އައްޑޫ ރައްޔިތުންނަށް ދެވޭ ދެރައެއް ކަމަށެވެ.
އައްޑޫ ސިޓީ ތަރައްގީ ކުރުމަށް 5.3 ބިލިއަން ރުފިޔާގެ މަޝްރޫއެއް ސަރުކާރުން ވަނީ މިއަހަރު އިއުލާނު ކޮށްފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރެއްވި އެ މަޝްރޫއުގެ ދަށުން މުޅި އައްޑޫ އާރާސްތުވެ، އައްޑޫގެ އިނދަޖެހިފައިވާ އިގްތިސާދު ކޮޅަށް ޖަހާ، މުޅި ގައުމުގެ އިގްތިސާދުގެ އިންޖީނަކަށް އައްޑޫ ބަދަލުވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެ މަޝްރޫގައި ހިމެނިފައިވާ ކަންކަމޔެގ ތެރޭގައި ފަތުރުވެރިކަމަށް 8000 އެނދު އިތުރުކުރުމާއި، އައްޑޫގެ ބިން އިތުރުކުރުމާއި، ބައިނަލްއަގުވާމީ ފެންވަރަށް އައްޑޫގެ ޕޯޓު ތަރައްގީ ކުރުމާއި، އައްޑޫގައި 17 ކިލޯ މީޓަރުގެ މަގު ހެދުމާއި، މަސް ބަނދަރާއި، މަސް ޕްރޮސެސް ކުރާނެ ފެކްޓަރީއެއް ހެދުމާއި، އައްޑޫގެ ކަރަންޓުގެ ހިދުމަތަށް ކުރިމަތިވެފައިވާ ގޮންޖެހުން ތަކަށް ދާއިމީ ހައްލު ހޯދައިދިނުން ހިމެނެއެވެ.
މީގެއިތުރުން އިޖްތިމާއީ ގޮތުން އައްޑޫ ސިޓީ އަށް ބޭނުންވާ ސްޕޯޓްސް ކޮމްޕްލެކްސް އެޅުމާއި، ސްވިމިންޕޫލާއި ފުޓްބޯޅަ ދަނޑެއްވެސް ހިމެނެއެވެ.
އައްޑޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެސް ބަޖެޓުގައި ފައިސާ ހިމަނާފައިވާ ކަމަށާއި އިސްލާމްދީނުގެ ސައްހަ އަގީދާ ދިރުވާ، ރައްޔިތުންގެ ހިތުގައި އިސްލާމީ ރިވެތި ސިފަތަށް އަށަގެންނެވުމަށް އައްޑޫގައި އިސްލާމިކް ސެންޓަރެއް ވެސް ގާއިމު ކުރެވިގެން ދާނެކަން އެ މަޝްރޫއު އިއުލާނު ކުރައްވަމުން ރައީސް ވިދާޅުވެފައި ވެއެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ދެމިގެންދާ ގޮތަށް ހިންގާ އެ މަޝްރޫއުން މިއަހަރު އެކަނިވެސް އައްޑޫގެ ތަރައްގީގެ ބޭނުންތަކަށް 470 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކުރުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ކަމަށްވެސް އޭރު ރައީސް ވިދާޅުވިއެވެ. ނަމަވެސް އަހަރު ނިމެން ދާއިރު އައްޑުއަށް ކުރި ހަރަދެއްގެ ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.