އިސްލާމް ދީނާ ގުޅުންހުރި އެކި މައުޟޫތަކަށް ފަތުވާ ދެމުންދާ އިންޑިއާ ދަރިކޮޅުގެ ޒާކިރު ނައިކު ދެއްކި ވާހަކައަކުން، މެލޭޝިއާ ރަތަށް އަރާ، މަސްރަހު ނުތަނަވަސްވެއްޖެއެވެ.

މެލޭޝިއާގައި ދިރިއުޅެމުންދާ ޗައިނާ ދަރިކޮޅުގެ ބައިމަދު އާބާދީއަކީ މެލޭޝިއާއިން ބޭރުކޮށްލަންޖެހޭ ބައެއްކަން ދޭހަވާފަދަ ގޮތަކަށް ޒާކިރު ނައިކު ވާހަކަދެއްކުމާއެކު، ބޮޑުވަޒީރު ޑރ މަހާތީރު މުޙައްމަދުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންތަކެއް ވަނީ ޒާކިރު ނައިކް ޑީޕޯޓްކޮށްލުމަށްވެސް ޑިމާންޑް ކުރައްވާފައެވެ.

ޒާކިރު ނައިކު މިފަދަ މޭރުމަކުން ވާހަކަދައްކާފައިވާ މި ދަނޑިވަޅަކީ، ޒާކިރު ނައިކަށް އެގައުމުން ދޫކޮށްފައިވާ ދާއިމީ ރަށްވެހިކަމުގެ ހުއްދަ ބާތިލުކުރުމަށް މެލޭޝިއާގެ ވަޒީރުންގެ މަޖިލީހުން ވިސްނަމުންދާ ދަނޑިވަޅެއްވެސް މެއެވެ.

ޒާކިރު ނައިކަށް މެލޭޝިއާއިން ދެން ފުރުސަތު ލިބިގެން ނުވާނެކަމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ވަޒީރުން އާންމު ކުރައްވާފައިވާ ގުޅިފައިވާ ބަޔާނެއްގައި ވާ ގޮތުން، ޑރ މަހާތީރު ވަނީ ވަޒީރުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އަދި މިކަމުގައި ގޮތެއް ނިންމެވުމަށް ޑރ މަހާތީރުގެ އަތްޕުޅު މައްޗަށް ވަނީ ދޫކޮށްލެވިފައެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމާ ބެހޭ މައުލޫމާތު އެނގޭ މަސްދަރަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިމައްސަލަ ހައްލުކުރައްވާނެ ކަމަށް ޑރ މަހާތީރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް، އެ މަސްދަރުން ހާމަކޮށްފައެއް ނުވެއެވެ.

މެލޭޝިއާގައި ދިރިއުޅޭ ޗައިނާ ދަރިކޮޅުގެ މީހުން މެލޭޝިއާއިން ބާލަންޖެހޭ ކަމަށް ދޭހަވާ މޭރުމަކުން ޒާކިރު ނައިކު ބުނެފައިވަނީ، މެލޭޝިއާއިން އޭނާ ޑިޕޯޓްކޮށްލަންޖެހޭ ކަމަށް ބުނެ ގަދަވަމުންދާ އަޑުތަކަށް ރައްދު ދެމުންނެވެ. އެގޮތުން މެލޭޝިއާގައި ދިރިއުޅޭ ޗައިނާ ދަރިކޮޅުގެ މީހުންނަކީ ހަގީގަތުގައި އެގައުމަށް އައި "ގެސްޓުން"ތަކެއް ކަމަށް ޒާކިރު ނައިކް ވަނީ ސިފަކޮށްފައެވެ.

ޒާކިރު ނައިކު ވަނީ، މެލޭޝިއާގައި ދިރިއުޅޭ ހިންދޫންނަށްވެސް ބަހުގެ ހަމަލާތަކެއް ދީފައެވެ. އަދި އޭނާ ދައްކާ ވާހަކަތަކުގެ މާނަ އޮޅުވާލަމުންދަނީ މީޑިއާއިން ކަމަށް ބުނެ، ޒާކިރު ނައިކް ވަނީ މީޑިއާއަށްވެސް ފާޑުކިއުންތައް އަމާޒުކޮށްފައެވެ.

ފާއިތުވީ 3 އަހަރު ދުވަހު މެލޭޝިއާގައި ދިރިއުޅެމުންދިޔަ ޒާކިރު ނައިކަށް، މެލޭޝިއާގެ ދާއިމީ ރަށްވެހިކަން ދީފައިވަނީ މެލޭޝިއާގެ ކުރީގެ ސަރުކާރުންނެވެ.

އެގައުމުން ޒާކިރު ނައިކް ޑީޕޯޓްކޮށްލުމަށް ތާއީދުކުރައްވާކަން މިހާރުވެސް ހާމަކުރައްވާފައިވާ ބައެއް ސިޔާސީ ޝަހްސުންގެ ތެރޭގައި، ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެންމެ ހަގު މެމްބަރު، މިނިސްޓާ އޮފް ޔޫތް އެންޑް ސްޕޯޓްސް ސައްޔިދު ސޯދިގު ޢަބްދުލް-ރަޙްމާން ހިމެނިވަޑައިގަންނަވައެވެ.

ޒާކިރު ނައިކު އިންޑިއާއަށް ފޮނުވާލެވެން ނެތީ، އެތަނަށް އޭނާ އެތެރެވެއްޖެނަމަ އޭނާގެ ފުރާނައަށް ނުރައްކާވެ، ފުރާނަ ދުއްވާލަފާނެކަމުގެ ބިރު އޮތުމުން ކަމަށް ޑރ މަހާތީރު ވިދާޅުވިކަމަށް ބުނާ ޚަބަރުތަކެއްވެސް ދާދިފަހުން ވަނީ ފެންމަތިވެފައެވެ.