މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ އޭގެ ކުރީ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު 2 ޕަސެންޓް އިތުރުވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

މިދިޔަ މަހުގެ ތަފާސް ހިސާބުތައް އާންމު ކޮށްފައިވާ އިރު، އެ ހިސާބުތަކުން ދަައްކާ ގޮތުން މި އަހަރުގެ ޖުލައި މަހު ދައުލަތަށް ލިބިފައިވަނީ 287 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ޖުލައިމަހު ލިބުނީ 281 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2018 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާ އިރު 9 ޕަސެންޓް ދަށްވެފައިވާ ކަަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް 4.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓު ކޮށްފައިވާ އިރު، މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓު ކުރީ 3.7 މިލިއަން ރުފިޔާގެ މުދަލެވެ.

މީގެ އިތުރުން އެކްސްޕޯޓު ކުރި މިންވަރު ވެސް ވަނީ ދަށްވެފައެވެ. މިދިޔަ މަހުގެ ރާއްޖެއިން ބޭރަށް 165 މިލިއަން ރުފިޔާގެ މުދާ ބޭރު ކުރި އިރު، މިދިޔަ އަހަރުގެ ޖުލައިމަހު ރާއްޖެއިން ބޭރުކޮށްފައިވަނީ 196 މިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ 16 ޕަސެންޓްގެ ދަށްވުމެކެވެ.

އިމްޕޯޓު ކުރި ގައުމުތަކުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، ޔޫއޭއީން ވަނީ 21 ޕަސެންޓް މުދާ އިމްޕޯޓު ކޮށްފައެވެ. އަދި ސިންގަޕޫރާއި ޗައިނާއިން އެތެރެ ކޮށްފައި ވަނީ 13 ޕަސެންޓްގެ މުދަލެވެ. އަދި އިންޑިއާއިން އިމްޕޯޓު ކޮށްފައި ވަނީ 11 ޕަސެންޓުގެ މުދަލެވެ.

އެންމެ ގިނައިން އެކްސްޕޯޓު ކޮށްފައި ވަނީ ތައިލޭންޑަށެވެ. ތައިލޭންޑަށް އެކްސްޕޯޓު ކުރީ 18 ޕަސެންޓުގެ މުދަލެވެ. ދެން އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ޖަރުމަނުވިލާތް އަދި ފަރަންސޭސީ ވިލާތަށެވެ. އެއީ އެކްސްޕޯޓުކުރި މުދަލުގެ 15 ޕަސެންޓެވެ.