ކޯމާގައި އޮތް ދިވެހި ހައްޖުވެރިޔާގެ ހާލަތަށް ބަދަލެއް ނާންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން "ދަޕްރެސް"އަށް މިއަދު ބުނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށް ދިޔަ ފ. ދަރަނބޫދުއަށް ނިސްބަތްވާ ސީމާ މޫސާ، 38، ގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އޭނާ އަދިވެސް އޮތީ ކޯމާގައެވެ.

ސީމާ ކޯމާގައި އޮތީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެންނެވެ. ސީމާ ކޯމާއަކަށް ދިޔައީ ސްޓްރޯކެއް ޖެހިގެންނެވެ. ސީމާއަށް ސްޓްރޯކެއް ޖެހުނީ މިނާ ޓެންޓުގައި ހުއްޓައެވެ. އޭނާ އޮތީ މިނާ އަލްވާދީ ނަމަކަށް ކިޔާ ހޮސްޕިޓަލުގައެވެ.

ސީމާ ނޫން ދެން ރާއްޖެއިން ހައްޖުގެ އަޅުކަމަށް ދިޔަ އެހެން ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ. ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިން މާލެ އަންނަން ފަށާނީ އަންނަ އާދިއްތަ ދުވަހުއެވެ.