ސިއްހީ ހާލަތު ހުރި ގޮތުން ވިސާ ހަމަޖައްސާދެވެން ނެތްކަމަށް ބުނެ އޮސްޓްރޭލިއާއިން ޑީޕޯޓްކޮށްލަން މަސައްކަތް ކުރަމުންދާ، ދިވެހި ކުޑަކުއްޖެއް ކަމަށްވާ އުމުރުން 3 އަހަރުގެ ކައިބާން ޖަމްޝާދުގެ ހައްގުގައި، އޮސްޓްރޭލިއާގައި ހިނގާލުމެއް ކުރިއަށް ގެންގޮސްފިއެވެ.

ކައިބާންއާއި އޭނާގެ އާއިލާ ދިރިއުޅެމުންދާ ބާންބްރީގައި ކުރިއަށް ގެންދިޔަ ހިނގާލުމުގައި 300 އެއްހާ މީހުން ބައިވެރިކަމަށް އޮސްޓްރޭލިއާގެ ޚަބަރުތައް ބުނެއެވެ.

ކައިބާންގެ ހައްގުގައި ނިކުތް މީހުންވަނީ ވެސްޓް އޮސްޓްރޭލިއާގެ ބާންބްރީގައި ހުންނަ އެންޒެކް ޕާކަށް ޖަމާވެ، އެމީހުންވެސް ތިބީ ކައިބާންއާއި އޭނާގެ އާއިލާއާއިއެކުގައި ކަން ހާމަކޮށްފައެވެ.

ކައިބާންގެ ހައްގުގައި އޮސްޓްރޭލިއާގައި އަޑުއުފުލަމުންދާ ފަރާތްތަކުގެ ތެރޭގައި އެގައުމުގެ ސެނެޓަރުންވެސް ހިމެނެއެވެ.

ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކުން ސަލާމަތްކުރުމަށްޓަކައި ކައިބާންއަށް އަބަދާ އަބަދު ސިއްހީ އަޅާލުން ބޭނުންވެއެވެ. ސިކުނޑިއަށް ލިބުނު އަނިޔާގެ ނަތީޖާއެއްގެ ގޮތުން ލޮލުގެ ފެނުން ގެއްލުމާ، ފިޓު ޖެހުމާ، ހެދިބޮޑުވުމަށް ހުރަސްތަކެއް ކުރިމަތިވުމާއި ނުރައްކާތެރި ސިއްހީ އެތައް މައްސަލައަކާ ކައިބާންއަށް ކުރިމަތިލާންޖެހުމުގެ ފުރުސަތު އިންތިހާއަށް ބޮޑެވެ.

ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ކައިބާންއަށް ބޭނުންވާ ސިއްހީ ފަރުވާއަކީ މިވަގުތު ދިވެހިރާއްޖެއިން ލިބެން ހުރި ފަރުވާތަކެއް ނޫނެވެ. އަދި ރާއްޖޭގައި ދިރިއުޅެން ޖެހުމަކީ ކައިބާންގެ ފުރާނައަށް އިންތިހާއަށް ނުރައްކާވާނެ ކަމެއް ކަމަށްވެސް ސިއްހީ ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

ކައިބާންގެ ވިސާ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވާއިރު، މިކަމުގައި ގޮތެއް ނިންމުން އޮންނަނީ މިމަހުގެ ފަހުކޮޅުއެވެ.