މިއީ ތަފާތުކުރުންތަކަށް މަގުފަހިކުރާ ގާނޫނުތަކަށް ނިމުން ގެންނަންވީ ވަގުތުކަމަށާ، މިއީ ސިއްހީ ހާލަތު ހުރި ގޮތުން ޑީޕޯޓްކޮށްލާ އުމުރުން 3 އަހަރުގެ ކައިބާން ޖަމްޝާދަށް އޮސްޓްރޭލިއާގައި ހުރެވޭނެ މަގުތަނަވަސްކޮށްދޭންވީ ދަނޑިވަޅުކަމަށް، އޮސްޓްރޭލިއާގެ ސެނެޓްގައި ހިމެނިވަޑައިގަންނަވާ އެންމެ ހަގު މެމްބަރު ޖޯޑަން އެލެކްޒޭންޑާ ސްޓީލީ-ޖޯން ވިދާޅުވެއްޖެއެވެ.

ކައިބާން އަކީ ކާކު؟

ބަލިހާލަތު ހުރި ގޮތުން ވިސާ ހަމަޖައްސާ ދެވެން ނެތް ކަމަށް ބުނެ، އުމުރުން އެންމެ 3 އަހަރުގެ ދިވެހި ކުއްޖަކު އޮސްޓްރޭލިއާއިން ޑީޕޯޓްކުރުމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ވާހަކައަކީ މިއަދު ދިވެހިންނަށް އާ ވާހަކައެއް ނޫނެވެ.

ސެއިންޓް ޖޯން އޮފް ގޯޑް ބާންބްރީ ހޮސްޕިޓަލަށް އުފަންވި ކައިބާން ޖަމްޝާދްއަކީ ހެމަފީލިއާގެ ތަކުލީފުތައް އުފުއްލަންޖެހިފައިވާ ކުއްޖެކެވެ. މީގެ އިތުރުން އުފަންވުމުގެ ތެރޭގައި ކައިބާންގެ ސިކުނޑިއަށްވެސް ވަނީ އަނިޔާތަކެއް ލިބިފައެވެ. ހެމަފީލިއާއަކީ ލޭ މަނާ ކުރަން އިންތިހާއަށް އުނދަގޫތަކެއް ކުރިމަތިކުރުވާ ބައްޔެކެވެ.

ކައިބާންގެ ހާލަކީ ކޮބާ؟

ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކުން ސަލާމަތްކުރުމަށްޓަކައި ކައިބާންއަށް އަބަދާ އަބަދު ސިއްހީ އަޅާލުން ބޭނުންވެއެވެ. ސިކުނޑިއަށް ލިބުނު އަނިޔާގެ ނަތީޖާއެއްގެ ގޮތުން ލޮލުގެ ފެނުން ގެއްލުމާ، ފިޓު ޖެހުމާ، ހެދިބޮޑުވުމަށް ހުރަސްތަކެއް ކުރިމަތިވުމާއި ނުރައްކާތެރި ސިއްހީ އެތައް މައްސަލައަކާ ކައިބާންއަށް ކުރިމަތިލާންޖެހުމުގެ ފުރުސަތު އިންތިހާއަށް ބޮޑެވެ.

ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ކައިބާންއަށް ބޭނުންވާ ސިއްހީ ފަރުވާއަކީ މިވަގުތު ދިވެހިރާއްޖެއިން ލިބެން ހުރި ފަރުވާތަކެއް ނޫނެވެ. އަދި ރާއްޖޭގައި ދިރިއުޅެން ޖެހުމަކީ ކައިބާންގެ ފުރާނައަށް އިންތިހާއަށް ނުރައްކާވާނެ ކަމެއް ކަމަށްވެސް ސިއްހީ ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

"މިކަމުގައި އޮތް ތަފާތަކީ ކައިބާން ދިރިހުރުމާ މަރުވުމުގައި އޮތް ތަފާތު. މިއީ ދުލުހުން ބަޔާންކޮށްދޭން ފަސޭހަ ކަމެއް ނޫން"، ބޭރުގެ މީޑިއާއަކާ ވާހަކަ ދައްކަމުން ކައިބާންގެ މަންމަ، އާއިޝަތު ޝިޒްލީން ވަނީ ކިޔާދީފައެވެ.

އެކަށީގެންވާ ދާއިމީ ފަރުވާ ނުދެވިއްޖެނަމަ މަސްތަކާ ހުޅުތައް ކުރުވެ، މައިބަދަ ލެނބި، އޮސްޓިއޮޕޮރޯސިސްގެ އުނދަގޫތައް ކުރިމަތިވެ، އުނަގަނޑު ނެއްޓުމާ، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދަތައް ނުލިބި، ނޭވާލާ ނިޒާމު ފެއިލްވެ، ޅަ އުމުރުގައި މަރުވުމުގެ ނުރައްކާ ކައިބާންއަށް އެބައޮތެވެ.

އޮސްޓްރޭލިއާގެ ބާންބްރީގައި މަސައްކަތްކުރަމުން އަންނަ ޢާއިޝަތު ޝިޒްލީން އޭނާގެ ދަރިފުޅު ކައިބާން ޖަމްޝާދު އުރާލައިގެން/ފޮޓޯ: އާއިލާ

ކައިބާންއަށް ވިސާ ދިނުމަށް އޮސްޓްރޭލިއާގެ ކަމާ ބެހޭ ފަރާތްތަކުން ދެކޮޅު

މިފަދަ ހާލެއްގައި ކައިބާން އޮތް އިރުވެސް އޭނާއަށް ވިސާ ދިނުމަށް އޮސްޓްރޭލިއާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ ދެކޮޅު ހަދަމުންނެވެ.

އޮސްޓްރޭލިއާގެ އިމިގްރޭޝަން ގާނޫނު ބުނާ ގޮތުގައި، ސިއްހީ އެއްވެސް މައްސަލައެއްގެ ސަބަބުން ބޮޑު ޚަރަދުތަކެއް ކުރަންޖެހޭ ފަރާތްތަކުން އެގައުމުން ވިސާ ދޫނުކޮށް ހިފެހެއްޓުމުގެ ހުއްދަ ކަމާ ބެހޭ ފަރާތްތަކަށް އޮވެއެވެ.

ޝިޒްލީންއަކީ ބާންބްރީގައި ޓެމްޕަރަރީ ޝޯޓޭޖް ސްކިލްޑް ވިސާގެ ދަށުން އިޖުތިމާއީ ދާއިރާގައި މަސައްކަތްކުރަމުންދާ ޒުވާނެކެވެ. އޭނާގެ ފިރިމީހާގެ އިތުރުން އަންހެން ދަރިފުޅަކާ ފިރިހެން ދަރިފުޅެއް ޖައްސާފައިވަނީ ސަޕޯޓް ވިސާގައެވެ.

އޮސްޓްރޭލިއާގެ ދާހިލީ ވުޒާރާއިން އަންދާޒާ ކުރާ ގޮތުގައި ކައިބާންގެ ސިއްހީ ޚަރަދުތަކަށް އަހަރަކު 59000 ޑޮލަރަ ޚަރަދުވާނެއެވެ. އަދި އޭނާގެ އާއިލާއަކީ އެފަދަ ޚަރަދެއް ކުރެވޭނެ ވަރުގެ ތަނަވަސް އާއިލާއެއް ކަމަށް ނުފެންނަ ކަމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މިހާތަނާ ޖެހެންދެންވެސް ކައިބާންއަށް ފަރުވާ ކުރުމުގައި އިޖުތިމާއީ އެއްވެސް ފަންޑެއްގެ އެހީ ހޯދާފައެއް ނުވެއެވެ.

ސެނެޓާ ސްޓީލީ-ޖޯން އަކީ ކާކު؟

ކައިބާންގެ ހައްގުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްގައިވެސް އެންމެ އަޑުހަރުކޮށް ވަކާލާތު ކުރައްވަމުން ގެންދަވާ އެއް ފަރާތަކީ ސެނެޓާ ސްޓީލީ-ޖޯންއެވެ. 1994 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު އިނގިރޭސިވިލާތަށް އުފަންވެވަޑައިގެންވި ސެނެޓާ ސްޓީލީ-ޖޯންއަކީ މިވަގުތު އޮސްޓްރޭލިއާގެ ސެނެޓްގައި ހުންނަނެވި އެންމެ ހަގު މެމްބަރުގެ އިތުރުންވެސް ހާއްސަ ގޮތަކުން ފާހަގަކޮށްލެވޭ ސިޔާސީ ޝަހްސެކެވެ.

ޚުދު ސެނެޓާ ސްޓީލީ-ޖޯންއަކީވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތެކެވެ. ސެނެޓާ ސްޓީލީ-ޖޯންއަކީ ސެރަބަލްޕަލްސީ (ސީޕީ)ގެ ވޭންދެނިވި ތަކުލީފުތައް ތަހައްމަލު ކުރައްވަމުން ގެންދަވާ، އަދި ހާއްސައެހީއަށް ބޭނުންވާ މީހުންގެ ހައްގުތަކަށް ވަކާލާތުކޮށްދެއްވާ ޝަހްސެކެވެ. މިހުރިހާ މަސައްކަތެއް ސެނެޓާ ސްޓީލީ-ޖޯން ކުރައްވަނީ ފުރޮޅީ ކޮނޑިއެއްގައި އިންނަވައިގެންނެވެ.

ކައިބާން ޖަމްޝާދުގެ ހައްގުގައި ފާޅުކަން ބޮޑު ގޮތެއްގައި ވަކާލާތު ކުރައްވަމުން ގެންދަވާ އޮސްޓްރޭލިއާގެ ސެނެޓްގައި ހިމެނިވަޑައިގަންނަވާ އެންމެ ހަގު މެމްބަރު ޖޯޑަން އެލެކްޒޭންޑާ ސްޓީލީ-ޖޯން/ފޮޓޯ: ދަ ކޮންވަޒޭޝަން

ސެނެޓާ ސްޓީލީ-ޖޯން ވިދާޅުވީ ކީކޭ؟

ރޭގެ ވަގުތެއްގައި ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ސެނެޓާ ސްޓީލީ-ޖޯން ވިދާޅުވީ، ކައިބާންގެ މައްސަލާގައި ބާންބްރީގެ ރަށްވެހިން އެމީހުންގެ ބަސް އިއްވައިފި ކަމަށެވެ. އަދި އެ ރަށްވެހިން ތިބީ ކައިބާންއަށް މަރުހަބާ ކިޔާ، އޭނާގެ އާއިލާއަށް އެއްބާރުލުން ދޭ ކަމަށެވެ. ސޯޝަލް މީޑިއާގެ އެކި ހިސާބުތަކަށް ބަލާލިއަސް މިކަން ސާބިތުވެއެވެ. ދިވެހި ދަރިއެއްގެ ހައްގުގައި، ފަރަންޖީ ބަޔަކު ހިންގާ ހަރަކާތްތައް މިއަދު ވަނީ ދިވެހިންގެ ސަމާލުކަންވެސް ހޯދާފައެވެ.

ސެނެޓާ ސްޓީލީ-ޖޯން ވިދާޅުވީ، މިއީ އޮސްޓްރޭލިއާގެ ކަމާބެހޭ "ބޮޑެތި ޕާޓީތަކުން"، މުޖުތަމައުގެ އަޑުތައް އަހަންވީ ވަގުތު ކަމަށެވެ. ތަފާތުކުރުންތަކަށް ހިތްވަރުދޭ ގާނޫނުތަކަށް ނިމުންގެނެސް، ކައިބާންއާއި އޭނާގެ އާއިލާއަށް އޮސްޓްރޭލިއާގައި ތިބެވޭނެ ފުރުސަތު ދޭންވީ ވަގުތުކަމަށެވެ.

ކައިބާންގެ ހައްގުގައި އޮސްޓްރޭލިއާގެ ބައެއް ހިސާބުތަކުގައި މިއަދު ހާއްސަ ހިނގާލުމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ. ސެނެޓާ ސްޓީލީ-ޖޯންވަނީ ވީހާވެސް ގިނަ ބަޔަކު، މި ހިނގާލުމުގައި ބައިވެރިވުމަށްވެސް ގޮވާލައްވާފައެވެ.

ކައިބާންގެ ވިސާ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވާއިރު، މިކަމުގައި ގޮތެއް ނިންމުން އޮންނަނީ މިމަހުގެ ފަހުކޮޅުއެވެ.