ސަރުކާރާއި މަޖިލީހާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާކަމަށް އިދިކޮޅުން ބުނަމުން ދަނިކޮށް، އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފު ނުސީދާ ގޮތެއްގައި ސަރުކާރަށް ބަހުގެ ހަމަލާ ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލިހާއި ސަރުކާރާ ދެމެދު ހިޔާލު ތަފާތުވުންތަކެއް ހުރިކަމަށް އިދިކޮޅުން ބުނަމުން އަންނަ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމަށް އެމްޑީޕީގެ އެތެރެއިން ވެސް މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންވެ.

މިފަދަ ވާހަކަތަކެއް އިދިކޮޅުން ދައްކާފައި ވަނިކޮށް، ރައީސް އޮފީސް ކައިރިން ނަގާފައިވާ ފޮޓޯއަކާއެކު ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ބައެއް އިސްބޭފުޅުން ހިތްޕުޅާ ނުވިޔަސް ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު އެއް ދައުރަކީ ސަރުކާރަށް ފާރަވެރި ވުމުގެ ދައުރު ކަމަށް ވީތީ މަޖިލީހުގެ އެ ދައުރު އަދާކުރަން ޖެހޭ ކަމަށެވެ.

ހަސަން ލަތީފުގެ ޓްވީޓަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވަނީ ފާޑު ވިދާޅުވެ ރައްދު ދެއްވާފައެވެ. އިބްރާ ވިދާޅުވީ ޝައްކެއްވެސް ގޮތުގައި ފާރަވެރިވެ ކަންކަން ހާމަ ކުރަންވާނެ ކަމަށެވެ. އަދި ސަރުކާރާއި މަޖިލިސް ވަކިވާ ރޮނގު ރަނގަޅަށް ފާހަގަކޮށް އިމުގެ ތެރޭގައި ތިބުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ސޯލިހު ވެރިކަމުން ދުރުކޮށް، ބަރުލަމާނީ ނިޒާމެއް ގެންނަން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވާ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި ސަރުކާރު ހިންގަމުންދާ ގޮތަށް ބަލާއިރު ރައީސަކީ ކޮންބޭފުޅެއް ކަމެއް ސާފު ނުވަކަމަށް ވެސް އިދިކޮޅުން ވަނީ ބުނެފައެވެ.