ކަސްޓަމަރުންގެ މައުލޫމާތު ދިނުމަށް އޮތް ގާނޫނީ ހުރަސް މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގެ ސަބަބުން ނެތިގެން ގޮސްފައިވާ ކަމަށާ އެއީ ބޭންކުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ބޭނުން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްއިން) ބުނެފިއެވެ.
ބީއެމްއެލްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ބޭންކިން އާ ބެހޭ ގާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގީ އިދާރާއަކުން ލިޔުމުން އެދިއްޖެ ނަމަ، ކޯޓް އަމުރެއް ނެތިވެސް، ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓްތަކާއި، ޑިޕޮސިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ މައުލޫމާތުތައް އެ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމާއި ގުޅިގެން ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލާގައި ބީއެމްއެލްއާ ތަހުގީގީ އިދާރާތަކުން ދެކެމުންދިޔަ ގޮތާއި މެދު އުފެދިފައިވާ ހިލާފު ސިވިލް ކޯޓުގެ ހުކުމްގެ ސަބަބުން ނެތިގެން ގޮސްފައިވާ ކަމަށެވެ. އަދި ތަހުގީގީ އިދާރާތަކަށް ދޭ މައުލޫމާތުގެ ސަބަބުން ބޭންކާއި ބޭންކުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއްގެ މައްޗަށް ޝަރުއީ މައްސަލައެއް ހުށަނޭޅޭނެކަން ކަށަވަރު ކުރެވިފައިވާ ކަމަށްވެސް ބޭންކުގެ ބަޔާނުގައިވެއެވެ.
ބީއެމްއެލްއިން ބުނީ މި މައްސަލަ މަތީ ކޯޓެއްގައި އިސްތިއުނާފު ނުކުރާނެ ކަމަށެވެ.
ސިވިލް ކޯޓުން ބީއެމްއެލްއާ ދެކޮޅަސް ކުރި ހުކުމުގައި ބުނެފައިވަނީ ރިޔާސީ ކޮމިޝަންތަކާއި އެހެން ތަހުގީގީ އިދާރާތަކުން ވެސް ބޭންކުން މައުލޫމާތު ހޯދުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށެވެ.
ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ ކުރެއްވި ހުކުމްގައި ބުނެފައިވަނީ ހައިކޯޓުގެ ހުކުމަކީ އެކައުންޓެއް ފްރީޒުކުރި މައްސަލައެއްގައި، އެ ފްރީޒުކުރި އަމުރު ނެރުމުގައި އިޖުރާއަތްތަކާ ހިލާފުވި ކަމަށް ކަނޑައެޅި ހުކުމެއް ކަމަށެވެ. އޭގައި ބޭންކުން މައުލޫމާތު ދިނުމުގައި ގޯހެއް ހަދާފައިވާ ކަމަށް ނުވަތަ ނުބައި އިޖުރާއަތެއް އޮތް ކަމަށް ކަނޑައަޅާފައިނުވާ ކަމަށެވެ. ހުކުމްގައި ބުނެފައިވަނީ ބޭންކިންގ ގާނޫނުގައި މައުލޫމާތު ފޯރު ކޮށްދޭން ޖެހޭ ހާލަތްތައް ކިޔާދީފައިވާ ކަމަށެވެ. އެހެންކަމުން އެއާ އެއްގޮތަށް ބީއެމްއެލްއިން އަމަލު ކުރަން ޖެހޭނެ ކަމަށްވެސް ހުކުމްގައިވެއެވެ.