ހއ. ކެލާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޭޓީއެމްގެ ހިދުމަތް ދިނުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލުން ބުނީ އީދު ބަންދަށް ފަހު ކެލާގައި އޭޓީއެމްގެ ހިދުމަތް ގާއިމް ކުރެވޭނެ ކަމަށާ، މި އޭޓީއެމްއާ އެކު ހއ. އަތޮޅުގައި ބީއެމްއެލުން އޭޓީއެމްގެ ހިދުމަތް ދޭ ރަށްތަކުގެ އަދަދު އަށަކަށް އަރާނެ ކަމަށެވެ. އެގޮތުން، އެ އަތޮޅުގައި ހޯރަފުށި، އިހަވަންދޫ އަދި ދިއްދޫގައި ބީއެމްއެލްގެ ތިން ބްރާންޗް މެދުވެރިކޮށް ދަނީ ހިދުމަތް ދެމުންނެވެ.

ބީއެމްއެލުން ބުނީ ކެލާގައި އޭޓީއެމްގެ ހިދުމަތް ގާއިމްކުރުމުން މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި މި ހިދުމަތާ އެކު ކެލާގެ ރައްޔިތުންނަށާއި އަދި ކެލާ ކައިރީގެ ރަށްރަށުގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެއެވެ.

ކެލާގެ އިތުރުން ހއ. ބާރަށުގައި އޭޓީއެމް ހިދުމަތް ގާއިމް ކުރުމަށްޓަކައި ބީއެމްއެލުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިއަހަރުގެ މިހާތަނަށް ބީއެމްއެލުން ފަސް ރަށެއްގައި ސެލްފް ސަވިސް ބޭންކިންގެ ހިދުމަތް ގާއިމްކޮށްފައިވާއިރު، އޭގެ ތެރޭގައި ރ. އަލިފުއްޓާއި، ރ. އުނގޫފާރާއި، ބ. ތުޅާދު އަދި ލ. މާވަށުގެ އިތުރުން ގދ. ގައްދޫ ހިމެނެއެވެ. މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގައި 108 އޭޓީއެމް މެދުވެރިކޮށް ބޭންކުން ދަނީ ހިދުމަތް ދެމުންނެވެ.