މި ސަރުކާރުން ފެނިގެން ދަނީ މިސްމެނޭޖް ކުރާ މަންޒަރު ކަމަށާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުން ފެށިގެން ވަޒީރުންނާ ހަމައަށް ވެސް ތިބީ 'އެލް ބޯޑު' އަޅުއްވައިގެން ތިއްބެވި ބޭފުޅުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ހިންގުން ދޯދިޔާކަން ފާހަގަ ކުރައްވަމުން އުމަރު ވިދާޅުވީ މި ސަރުކާރުގައި ތިއްބެވީ ގައުމެއް ހިންގުމުގައި ނުވަތަ ގަވަނިންގައި އެއްވެސް ގޮތަކަށް އެއްޗެއް އެނގިވަޑައިގަންނަވާ ބޭފުޅުން ނޫން ކަމަށެވެ. އަދި ރައީސް ސޯލިހަކީ ވެސް އޭގެ ބޭފުޅެއް ކަމަށާ ދެންތިބި ބޭފުޅުންނަކީ ވެސް އޭގެ ބޭފުޅުން ކަމަށެވެ. އަދި ފެނިވަޑައިގަންވަނީ ވަރަށް ބޮޑަށް މިސްމެނޭޖް ކުރަމުންދާ މަންޒަރު ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ކުރީގެ ސަރުކާރެއްގައި މަސައްކަތް ކުރައްވައި ތަޖުރިބާ ލިބިވަޑައިގެންނެވި ބޭފުޅުކަށް ހުންނެވީ ހަމައެކަނި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށާ، އޭނާ ހޯއްދަވާ ތަޖުރިބާ އަކީ މުޅިން އެހެންކަ ހަލަ ތަޖުރިބާއެއް ކަމަށެވެ.

"އުފެއްދުންތެރިކަން ދޫކޮށްލާފައި ރިކަރަންޓް ހަރަދަަށް ބަޖެޓުގެ ބޮޑުބައި މިހާރު ވެސް ހޭދަވެގެން މިދިޔައީ. ދެން އެންމެ ބޮޑު ކޮމްޕޯނެންޓެއް މިދިޔައީ ސިޔާސީ ކަންކަމަށާއި، ސިޔާސީ ބޭފުޅުންގެ ދަތުރުތަކަށް. ސޯލިހު ދަތުރުތައް ކުރައްވައިވި. ޝާހިދު ދެފައި އެއްތަނެއްގައި ނުޖެހި ދަތުރު ކުރައްވަނީ. ލިބޭ އެއްވެސް އެއްޗެއް ނޯވޭ އަޅުގަނޑުމެންނަކަށް. ދެން ސިޔާސީ މަގާމްތަކަށް ބަލާއިރު 100 ސްޓޭޓް މިނިސްޓަރުން އެބަ ތިއްބެވި،"
އުމަރު ނަސީރު

އުމަރު ވިދާޅުވީ މިކަންކަމުގެ ސަބަބުން ރިކަރަންޓް ހަރަދު ބޮޑުވެގެންގޮސް ބަޖެޓު އޮތީ ހުސްވެފައި ކަމަށެވެ. ނަމަވެސް މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތުމުން އެބޭފުޅުންނަށް ބަޖެޓު ބޮޑުކުރެވިދާނެ ކަމަށް އުމަރު ފާހަގަ ކުރެއްވިއެވެ.

އުމަރު ވިދާޅުވީ މިހާރު ފެންނަމުން ދަނީ މުޅި ދައުލަތް މިސްމެނޭޖް ކުރަމުން ގެންދާ މަންޒަރު ކަމަށެވެ. އަދި މިއީ ކަންކަމުގެ އެކޮޅު މިކޮޅު ނުދަންނަ ބޭފުޅުން ވަޑައިގަތުމުން ވާގޮތް ކަމަށާ ރައްޔިތުން މި ބޭފުޅުންނަށް ރަނގަޅަށް ބަލަން ޖެހޭކަމަށް އުމަރު ވިދާޅުވިއެވެ.

"ފަސް އަހަރު ފަހުން އަޅުގަނޑުމެން މިމީހުން ބަލިކުރަން އަންނާނަން ރައްޔިތުން ކައިރިއަށް ވޯޓަށް. އައިސް ބުނާނަން މި މީހުންނަށް ފަސް އަހަރު ތެރޭގައި ކޮށްދެވުނީ ކޮންކަމެއްހެއްޔޭ،"
އުމަރު ނަސީރު

މިހާތަނަށް ބޭރުގެ ގިނަ އެހީތައް ލިބިފައި ވާކަމަށް ސަރުކާރުން ބުނަމުންދާ ވަހަކަތަކާ ގުޅިގެން އުމަރު ވިދާޅުވީ އިންޑިއާއިން ހަގީގަތުގައި އެދެނީ އެހީއެއް ނޫން ކަމަށެވެ. އަދި އެއީ ކޮންމެ ނަމެއްގައި ދިނަސް ލޯނު ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ޓްރެޝަރީ ބިލްގެ ނަމުގައި ދިނަސް ފައިސާ ސްވޮޕް ކުރުމުގެ ނަމުގައި ދިނަސް އަދި ކޮންމެ އެއްޗެއްގެ ނަމުގައި ދިނަސް، އެއީ އެކި ވައްތަރުގެ ލޯނު ކަމަށް އުމަރު ވިދާޅުވިއެވެ.

"ފިނޭންސް މިނިސްޓަރު އެ ވިދާޅުވި 1.5 ބިލިއަން ޑޮލަރަކީ ހަގީގަތުގައި ލޯނު. އެއީ އަނބުރާ ދައްކަން ޖެހޭ އެއްޗެއް. އެހެންވީމަ އިންޑިއާއަކުން ރާއްޖެއަށް ބޮޑު އެހީއެއް ނުދޭ. އެމީހުންނަށް ނުދެސް ދެވޭނެ ބޮޑު އެހީއެއް. އިންޑިއާއަކީ ވެސް އެހާ ފުދުންތެެރި ގައުމެއް ނޫން. އެތާގައި ވަރަށް ބައިވަރު ފަގިރުންނާއި މީސް މީހުން އެބަތިބި. އިންޑިއާއަކަށް ވެސް މި މީހުން ބުނާ އަދަދެއް ނުދެވޭނެ،"
އުމަރު ނަސީރު

އުމަރު ވިދާޅުވީ މި ސަރުކާރުގެ ވިސްނުން އަދިވެސް ހުރީ ދިވެހިން ނާށިގަނޑު ހިފައިގެން އެހެން ގައުމު ތަކަށް ދާން ކަމަށާ، ދިވެހިން ދިވެހިންގެ ފައިމައްޗަށް ތެދުކުރުމުގެ ވިސްނުމެއް މި ސަރުކާރުގައި ނެތް ކަމަށެވެ. އަދި ޖަޒީރާ ވިސްނުމުގައި ހުރީ ދިވެހިން ކަނޑިކި ލައިގެންނާއި މުންޑު އަނދެގެން ކާށިތެޔޮ ގައިގައި ލައިގެން ރަދުން ކައިރިއަށް ސަލާން ޖަހަން ޖެހޭ ގޮތް ހެދުން ކަމަށް ކަމަށް ވިދާޅުވެ އުމަރު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާލުވެފައެވެ.