ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހްމަދު ސީޝެލްސްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް ސޯލިހުގެ ދެކަނބަލުން ސީޝެލްސްއަށް ކުރެއްވި މި ދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ޑެނީ ފޯރގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގަިއ ރައީސް ސޯލިހުގެ ދެ ކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ހިމެނޭ ވަފުދެއްވެސް މިދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މި ދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ ސީޝެލްސްގެ ރައީސާ ބައްދަލުކުރައްވައި ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމުގެ މުހިންމު 7 އެއްބަސްވުމެއްގައި ސޮއިކުރައްވާފައި ވެއެވެ. މި އެއްބަސްވުންތައް ވެވުނު ދާއިރާތަކުގެ ތެރޭގައި މަސްވެރިކަމާއި ޓޫރިޒަމާއި، ނޫއިގްތިސޯދުގެ ދާއިރާއާއި ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި ކުޅިވަރުގެ ދާއިރާއާއި ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަންގެ ދާއިރާއާއި ޔޫތު ޑިވެލޮޕްމަންޓް ދާއިރާ ހިމެނެއެވެ.

މިދަތުރުފުޅުގައި ސީޝެލްސްގެ ރައީސް ވަނީ މިއަހަރުން ފެށިގެން ކޮންމެ އަހަރަކު މެރިޓައިމް ދާއިރާއިން ސީޝެލްސްގައި މަތީ ތައުލީމު ހާސިލުކުރުމަށް 4 ސްކޯލާޝިޕްގެ ފުރުސަތު ރާއްޖެއަށް ދެއްވާނެކަންވެސް ހާމަކުރައްވާފައެވެ.

މީގެ އިތުރުން ސީޝެލްސްގެ ސަރުކާރާއެކު ކުޅިވަރުގެ ދާއިރާއިން ވެވުނު އެއްބަސްވުމަކީ އެ ދާއިރާއިން ރާއްޖެއަށް ފަހިފުރުސަތުތަކެއް ފަހިވެގެންދާނެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ މެދުގައި ކުޅިވަރުގެ ތަޖްރިބާކާރު ފަންނުވެރިންނާއި ކުޅިވަރުގެ ސިޔާސަތު އެކަށައެޅުމުގެ ތަޖުރިބާކާރު ފަރާތްތަކާއި ކޯޗުންގެ އެހީތެރިކަން އެއްގައުމުން އަނެއް ގައުމަށް ދިނުމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުން ފަދަ ކަންކަން ހިމެނުމަކީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ލިބިގެންދާ ފުރުސަތެއް ވެސް މެއެވެ.