މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް އެންމެ ބޮޑަށް ފައިދާވީ ފައިބާ ބްރޯޑްބޭންޑާއި އިންޓަނެޓުގެ ދާއިރާއިން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދެވަނަ ކުއާޓަރުގައި ދިރާގަށް 210 މިލިއަން ރުފިޔާ ސާފު ފައިދާ ލިބުނެވެ.

ދިރާގުގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އެޕްރީލް އިން ޖޫން މަހުގެ ނިޔަލަށް އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 210 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 238 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މި ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 710 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރު ލިބުނީ 708 މިލިއަން ރުފިޔާ އެވެ. ދިރާގަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 324.1 މިލިއަން ރުފިޔާ އެވެ.

އަދި ދެވަނަ ކުއާޓަރުގައި ހަރަދުވެފައިވަނީ 350.6 މިލިއަން ރުފިޔާ އެވެ. އަދި އެ ކުންފުނިން މި ކުއާޓަރުގައި ޓެކްސްގެ ގޮތުގައި 41.15 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.