އެއްބާރުލުން ދިނުމުގެ މުހިންމު 7 އެއްބަސްވުމެއްގައި ރާއްޖެއާއި ސީޝެލްސްއިން މިއަދު ސޮއިކޮށްފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު ސީޝެލްސް އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދެގައުމުން ސޮއިކުރި މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ ސީޝެލްސްގެ ރައީސްގެ ރަސްމީ އޮފީހުގައެވެ.

މިއަދު ސޮއިކުރެއްވި އެއްބަސްވުންތަކުގައި ހިމެނޭ ދާއިރާތައް

  • ރާއްޖެއާ ސީޝެލްސްގެ ސަރުކާރުގެ ދެމެދުގައި ގުޅުންބަދަހިކުރުން
  • ދެގައުމުގެ ފޮރިން މިނިސްޓްރީގެ ދެމެދުގައި ގުޅުން ބަދަހިކުރުން
  • ފަތުރުވެރިކަމުގެ ދާއިރާއާއި ނޫ އިގްތިސޯދުގެ ދާއިރާ
  • ވޮކޭޝަނަލް ޓްރެއިނިން ދާއިރާ
  • ޒުވާނުން ކުރިއެރުވުމަށް ކުރެވޭ ކަންކަމާއި ކުޅިވަރުގެ ދާއިރާ

މިއަދު ސޮއިކުރެއްވި އެއްބަސްވުންތަކުގެ ތެރެއިން

ހާރިޖީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވެވުނު އެއްބަސްވުމަކީ ރާއްޖެއާ ސީޝެލްސްއާ ދެމެދު މިހާރު އޮތް ހާރިޖީގުޅުން އިތުރު ދާއިރާތަކުން ފުޅާކޮށް އެކިއެކި ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުމެކެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ސޮއިކުރެވުނު އެއްބަސްވުމާއި، ނޫ އިގްތިސޯދުގެ ދާއިރާއާއި ތިމާވެށީގެ ދާއިރާއިން ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރުމުގައި އެއްބާރުލުން އިތުރުކުރެވިގެންދާނެއެވެ.

ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމަކީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ރާއްޖޭގެ ކުޅުންތެރިން ތައްޔާރުކުރުމަށް ލިބޭ މުހިންމު ފުރުސަތަކަށް ވެގެންދާނެއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ސޮއިކުރެވުނު އެއްބަސްވުމާއި ވޮކޭޝަނަލް ޓްރެއިނިން ދާއިރާއިން ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ޒުވާނުން ބާރުވެރިކުރުވުމަށް މަގުފަހިވެގެންދާނެއެވެ.

ރާއްޖެއާ ސީޝެލްސްއާ ދެގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1980 ވަނަ އަހަރުގައެވެ.