ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލުވުމަށް އެހީވި ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓުތައް ތަރައްގީ ކުރުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމަށްފަހު އެ ރަށްތަކާއި ފަޅުތަކުގެ އިކުއުޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާއަށް ހިޔާނާތްތެރިވެ އެފައިސާ ލޯންޑު ކޮށްފައިވާ މައްސަލައާ އަދި ބޭރު ފައިސާ ގަނެ ދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރްސީއަށް ފައިސާ ނެގުމަށްފަހު އެ ފައިސާއަށް ހިޔާނާތްތެރިވެ އެ ފައިސާވެސް ލޯންޑުކޮށްފައިވާ މައްސަލައިގެ ތަހުގީގަށް އިއްޔެ އަހުމަދު އަދީބު ހާޒިރުވުމަށް އަންގާފައިވާނެ ކަމަށެވެ.

ފުލުހުން ބުނީ އަދީބުގެ މައްޗަށް ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް ފިލައިގެން ކަނޑުމަގުން އަދީބު ރާއްޖެއިން ބޭރަށްދިޔަ މަގުމަތީގައި ހިފަހައްޓާފައިވާ ކަމަށެވެ. އަދި ބުނީ އެކުވެރި ގައުމުތަކާއި ގުޅިގެންއަދީބު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދީބު ހައްޔަރުކޮށްފައި ވަނީ ޓަގު ބޯޓެއްގައި ފިލަން އުޅެނިކޮށް އިންޑިއާގެ ސޫތުކުޅި (ޓުޓިކޮރިން) އިންނެވެ. ނަމަވެސް މިކަމުގެ ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން މިހާތަނަށް ކަށަވަރު ކޮށްނުދެއެވެ. ބޭރުގެ ބައެއް މީޑިއާތަކުން އަންނަނީ އަދީބު ފިއްލަވައިގެން އިންޑިއާއަށް ޓަގު ބޯޓެއްގައި އެތެރެވާން އުޅެނިކޮށް އިންޑިއާގެ ސިފައިން އެމަނިކުފާނު ހިފެހެއްޓިކަމަށް ރިޕޯޓުކުރަމުންނެވެ. ބައެއް ނޫސްތަކުގައި ބުނެފައިވަނީ އަދީބާ އެކު އެ ބޯޓުން 9 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މައުލޫމާތު ލިބޭގޮތުގައި އަދީބް އިންޑިއާއަށް ދަތުރު ކުރެއްވީ 'ސްނޯޝިޕިން' އިން އެޖެންޓްކަންކުރާ 'ޓަގް ވިރުގާ 9' ނަމަކަށް ކިޔާ ޓަގު ބޯޓެއްގައެވެ. މި ބޯޓުގައި ތިބީ އިންޑޮނޭޝިއާއަށް ނިސްބަތްވާ 8 މީހުންނާއި، އިންޑިއާގެ ރައްޔިތެއްކަމަށް ރިޕޯޓުތައް ބުނެއެވެ. އިންޑިއާއިން އަދީބު ހައްޔަރުކުރެއްވި އިރު، އެމަނިކުފާނުގެ ޕާސްޕޯޓު ވަނީ ސުޕްރީމް ކޯޓުން ހިފަހަައްޓާފައެވެ.

ދިވެހިރާއްޖެއިން އިންޑިއާގެ ނިއު ދިއްލީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު މުހައްމަދު ދީދީ "ދަ ޕްރެސް" އަށް ވިދާޅުވީ އެފަދަ މައުލޫމާތެއް މިހާތަނަށް ލިބިވަައިގެންފައި ނުވާ ކަމަށެވެ. މީގެ އިތުރުން ފޮރިން މިނިސްޓްރީ އަދި ފުލުހުން ވެސް މި މައްސަލައިގައި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.