ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އިންޑިއާއަށް "ވަގަށް" އެތެރެވާން އުޅުނު މައްސަލަ އިންޑިއާ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިންޑިއާ"ގައި މިރޭ ރިޕޯޓު ކޮށްފައިވާ ގޮތުން ޓަަގު ބޯޓެއްގައި އަދީބް ފިލައިގެން އިންޑިޔާއަށް ދަތުރުކުރި ކުރުމާއި ގުޅިގެން އެކަމުގެ ތަހުގީގު ކުރިއަށްދާ ކަމަށް ވަނީ ބުނެފައެވެ. އަދި އަދީބް ޓަގު ބޯޓަކުން ކަނޑު ހުރަސްކޮށް އިންޑިޔާއަށް ދަތުރުކުރީ ކިހިނެއް ކަންވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް އިންޑިއާ ފުލުހުންނާއި ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވެއެވެ.

އިންޑިއާގެ ފުލުހުން މިހާރު ވަނީ ޓެމިލް ނާޑޫގެ ޓުޓިކޮރިން ބަނދަރު ހިސާބެއްގައި އަދީބު ދަތުރުކުރި ޓަގު ބޯޓު ބަނދަރުކޮށްފައެވެ. އިންޑިޔާގެ ފުލުހުންނަށް ރިއާޔަތްކޮށް އިންޑިޔާގެ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނީ، އަދީބް އަނބުރާ ރާއްޖެއަށް ފޮނުވާނީތޯ ނުވަތަ އެނޫން ގޮތަކަށް އަމަލު ކުރާނީތޯ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އަދީބް މިހާރު ވަނީ ޓެމިލް ނާޑޫގެ ސެންޓްރަލް އެޖެންސީގައި ބަހައްޓާފައެވެ. އަދި އޭނާ ކަނޑުމަގުން އިންޑިއާއަށް ދަތުރުކުރި ކުރުމާއި ބެހޭގޮތުން ސުވާލުވެސް ކޮށްފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާގައިވެއެވެ. އަދީބް ދަތުރުކޮށްފައިވަނީ ރާއްޖެއަށް ދަތުރުކުރި "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓެއްގައެވެ. މި ބޯޓު އިންޑިއާއިން ރާއްޖެ ފުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހުގައެވެ. މި ބޯޓުގައި އޭރު ފަޅުވެރިންގެ ގޮތުގައި ތިބީ 9 ފަޅުވެރިން ކަމަށާއި ފަޅުވެރިންގެ ތެރޭގައި ހިމެނެނީ އިންޑިއާ ނިސްބަތްވާ ބޮސްކޯ ނަމަކަށްކިޔާ މީހަކާއި، އިންޑޮނޭޝިއާއަށް ނިސްބަތްވާ 8 މީހުންކަމަށް އިންޑިޔާގެ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެއެވެ.

މި ބޯޓަކީ ސިންގަޕޫރަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދެކެވެ. ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން މި ބޯޓު ރާއްޖެއިން ފުރީ މިދިޔަ މަހުގެ 27ވަނަ ދުވަހުއެވެ. އަދި ރާއްޖެއިން އަނބުރާ އިންޑިއާއަށް ދަތުރުުރި އިރު ބޯޓުގައި އެކަކު އިތުރުވިކަން ފާހަގަކުރެވުނު ކަމަށާއި އެހެންކަމުން އެ ބޯޓުގައި ހުރި އިންޑިއާގެ ފަޅުވެރިޔާ ބޯޓުގެ އެޖެންޓަށް އެކަން ވަގުތުން އެންގި ކަމަށްވެސް ޓައިމްސްގައިވެއެވެ.

އިންޑިއާގެ ސީނިއާ ފުލުހުންގެ އޮފިސަރަކާއި ހަވާލާދީ ޓައިމްސްގައި ބުނެފައިވަނީ އިތުރު ފަޅުވެރިއަކު ބޯޓަށް އެރުމުން އެކަން ބޯޓުގެ އެޖެންޓަށް އެ ބޯޓުގައި ދަތުރުކުރި އިންޑިޔާގެ ފަޅުވެރިޔާ އެންގި ކަމަށެވެ. އެހެންކަމުން އެޖެންޓަށް އެކަން އެންގުމުން ވަގުތުން އިންޑިޔާގެ ކަސްޓަމްސްގެ އޮފިސަރުންނަށާއި، ކޯސްޓް ގާޑް އޮފިސަރުންނަށާއި އަދި އިންޓެލިޖެންސް އެޖެންސީގެ އޮފިސަރުންތަކެއް އެ ބޯޓަށް އަރައި، އަދީބް ހިފެހެއްޓި ކަމަށް ޓައިމްސް ނޫހުގައިވެއެވެ.

އިންޑިޔާގެ ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރާގޮތުން، އަދީބާއި، އެ ބޯޓުގައި ދަތުރުކުރި ފަޅުވެރިންގެ މައްސަލަ ފުލުހުންް އަންނަނީ ތަހުގީގުކުރަމުންނެވެ. އަދި އަދީބު ދަތުރުކުރަން އުޅުނީ ކޮން ތަނަކަށް ކަމަށްވެސް ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ. އަދި މިފަދަ "ޖަރީމާއެއް" ހިންގުމުގައި އަދީބަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހެން އެއްވެސް ފަރާތެއްގެ އަތެއް ވޭތޯ ބަލަމުންދާ ކަމަށްވެސްވެއެވެ.

ޓައިމްސްގައި ބުނެފައިވަނީ ވަގަށް އަދީބު އިންޑިއާއަށް އެތެރެވާން އުޅުމަކީ ދެގައުމުގެ ގުޅުމަށް އަސަރު ކުރާނެ ކަމެކެވެ. ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ އަދީބަކީ 2015 ވަނަ އަހަރުފެ ސެޕްޓެމްބަރު މަހުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަބަލުން ދަތުރުކުރަމުންދިޔަ ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ހިމެނޭ ފަރަތާކަށް ވާތީ ކަމަށެވެ.