މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަަތު ހާއްސަ އިނާމާބެހޭ ކޮމިޓީން ހުޅުވާލައި، ހާއްސަ އިނާމާބެހޭ ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފިއެވެ.

ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރު ހާއްސަ އިނާމު ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ދިނުމަށް ހަމަޖެހިފައި ވާއިރު، މިއަހަރު މި އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ ތިން ގިންތިއަކުންނެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ހާއްސަ އިނާމު ދިނުމަށް ހަމަޖެހިފައިވާ ގިންތިތައް

  • ފުރަތަމަ ގިންތިއަކީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއެވެ. މި ގިންތީގައި ހިމެނެނީ، ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯދާފައިވާ ފަރާތްތަކެވެ.
  • ދެވަނަ ގިންތިއަކީ، ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.
  • ތިންވަނަ ގިންތިއަކީ، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއްކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ހާއްސަ އިނާމު ދިނުމަށް ހަމަޖެހިފައިވާ ފުރަތަމަ ގިންތީގައި ހިމެނޭ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯދާފައިވާ ފަރާތްތަކަށް މިހާތަނަށް އިނާމު ދެމުން ގެންގޮސްފައި ވަނީ، ސަނަދު ހާސިލުކުރި ކޯހުގެ އެކަޑެމިކް ޓްރާންސްކްރިޕްޓް ގައިވާ މާކްސްގެ ނުވަތަ ގްރޭޑަށް ދެވިފައިވާ ޕޮއިންޓްގެ އެވްރެޖް، އެ ކޯހުގައި ދެވޭ އެންމެމަތީ ދަރަޖައިގައި ހިމެނިފައި ވުމުންނެވެ. އަދި އެއާއެކު މަދުވެގެން އެވްރެޖް މާކްސް 85 އިންސައްތަ ނުވަތަ އެއާ އެއްވަރުވާ ގްރޭޑް ޕޮއިންޓްގެ އެވްރެޖް ހޯދާފައި ވުމުން ނުވަތަ ކޯހުގައި ހިމެނިފައިވާ ދިރާސާ ޕްރޮޖެކްޓް ނުވަތަ ފިކުރާތުން އެންމެމަތީ ދަރަޖަ ހާސިލު ކޮށްފައި ވުމުންނެވެ.

މިއަހަރު ކޮމިޓީން ވަނީ މަތީ ތައުލީމު ދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒުންދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކަށްވެސް އިނާމު ލިބޭގޮތަށް ހަމަޖައްސާފައެވެ.

ހާއްްސަ އިނާމަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް، ހާއްސަ އިނާމާބެހޭ ކޮމިޓީން ބާއްވާގޮތަށް ވަނީ ހަމަޖައްސަފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރައީސް އޮފީހާ ގުޅާ، ނަން ނޯޓު ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައި ވާނެ ކަމަށާ، ހާއްސަ އިނާމަށް ނަން ހުށަހަޅާ، ފޯމު ފޮނުވަން ޖެހެނީ ހާއްސަ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކޮށް ރައީސް އޮފީހަށް ކަމަށް އެ އޮފީހުން ބުނެއެވެ.