އެއްބަސްވުންތަކެއްގައި ސޮއި ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސީޝެލްސްއަށް ފުރާވަޑައިގެންފިއެވެ.

ރައީސް ސޯލިހްގެ މި ދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ޑެނީ ފޯރޭގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުން ތަކުގައި ސޮއިކުރެއްވުމުގެ އިތުރުން ދެގައުމުގެ ދެމެދުގައި މަތީފެންވަރުގެ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ސީޝެލްސްއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރައީސް ސޯލިހް މިއަދު ފުރައިވަޑައިގެންނެވި އިރު، އެމަނިކުފާނުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަކުން ފަޒުނާ އަހުމަދު އަދި ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ހިމެނޭ ވަފުދެއްވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ރާއްޖެ އާއި ސީޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރިތާ 39 ވެފައި ވާއިރު، ދާދިފަހުން ވެސް މިނިސްޓާ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހްލޫފާއި، މިނިސްޓާ އޮފް ފޮރިން އެފެއާޒު އަބްދުﷲ ޝާހިދު ވަނީ މިދިޔަ ޖުލައި މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބުންގެ ގޮތުގައި ސީޝެލްސް އަށް ރަސްމީ ދަތުރެއް ކުރައްވާފައެވެ.

ފޮރިން މިނިސްޓަރާއި ޔޫތް މިނިސްޓަރު ސީޝެލްސް އަށް ކުރެއްވި ދަތުރުގައި، އެދެބޭފުޅުން ވަނީ ސީޝެލްސްގެ ރައީސް ޑެނީ ފޯގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައި، އެ މަނިކުފާނަށް ރައީސް ސޯލިހުގެ ރަސްމީ ސިޓީފުޅެއް އަރުވާފައެވެ.