ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް، ހއ. އިހަވަންދޫ އަންބަރީގެ އަބްދުލްމާނިއު ހުސައިން މިއަދު އައްޔަން ކުރައްވައިފިއެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް މާނިއު އައްޔަން ކުރެއްވުމުގެ ކުރިން، މާނިއު ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވައި، ރައީސް ސޯލިހްގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. މާނިއުއަށް ހުވައިލައިދެއްވީ، ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ސޯލިހް ވަނީ މާނިއުއާ ހަވާލުކުރައްވާފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ވަކީލުންގެ ފަރާތުން ޖޭއެސްސީއަށް މާނިއު ވަނީ އިންތިހާބުވެ ވަޑައިގެންފައެވެެ. މި ސްލޮޓް މާނިއު ކާމިޔާބު ކުރެއްވީ ހަތަރު ކެންޑިޑޭޓުންނާ ވާދަ ކުރައްވައިގެންނެވެ. މާނިއު އިންތިހާބު ކާމިޔާބު ކުރެއްވީ 199 ވޯޓު ހޯއްދަވައި ގެންނެވެ. އެގޮތުން، މާނިއުއާ އެންމެ ކައިރިން ވާދަކުރެއްވި ވަކީލު އަލީ ރަޝީދަށް ލިބިވަޑައިގެންނެވީ 124 ވޯޓެވެ.

ޖޭއެސްސީއަށް ވަކީލަކު އައްޔަން ކުރުމަށް ބޭއްވި އިންތިހާބުގައި 1487 ވަކީލަކު ރަޖިސްޓްރީވި ނަމަވެސް، ވޯޓުލީ 404 ވަކީލުންނެވެ.