ސަރުކާރުން ބީއެމްއެލްގެ ބޯޑަށް ހުށަހެޅި މެންބަރުންގެ ލިސްޓުން އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފުގެ ނަން އުނި ކޮށްފިއެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފުގެ ނަން ކުންފުނީގެ އާ ބޯޑުން އުނިކޮށްފިއެވެ.

"ދަޕްރެސް" އަށް މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ސަރުކާރުން ބީއެމްއެލްގެ ބޯޑަށް ހުށަހެޅި މެންބަރުންގެ ލިސްޓުން ޝަރީފްގެ ނަން އުނިކޮށްފައިވާ ކަމަށެވެ. ނަމަވެސް ޝާރީފް އަދިވެސް ހުންނެވީ ބީއެމްއެލް ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ކަމަށްވެސް އެ ކުންފުނީގެ އޮފިޝަލް ވިދާޅުވިއެވެ.

ބީއެމްއެލްގެ ބޯޑުގައި ޖުމްލަ 11 މެންބަރު ތިބޭ އިރު އެ ކުންފުނީގެ ބޯޑަށް 8 މެންބަރުން އައްޔަން ކުރަނީ ސަރުކާރުން އަދި ބާކީ ތިން މެންބަރުން އައްޔަން ކުރާނީ ބޯޑުގައި ތިބޭ އާންމު ހިއްސާދާރުންނެވެ. ސަރުކާރުން އެ ބޯޑަށް ހުށަހަޅާފައިވާ މެންބަރުންގެ ތެރޭގައި ހިމެނެނީ، ބީއެމްއެލްގެ ސީއީއޯ ޓިމޮތީ ސޯޔާ އާއި ޖުވައިރިޔާ ސައީދު، ސަނާ މަންސޫރު، ނަޖީމް އިބްރާހީމް ޒަކަރިއްޔާ، ހައްވާ ސަފުނާގެ އިތުރުން، ހުސައިން ތައުފީގު އަލީއެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ އަންގާރަ ދުވަހުގެ ރޭ އޮންނަ ގޮތަށް ހަމަޖެހިފައިވާ އިރު، އެ ޖަލްސާގައި ބޯޑަށް މެންބަރުން އައްޔަން ކުރުން ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްގެ އާ ބޯޑުން ޝަރީފުގެ ނަން އުނިކޮށްފައިވާއިރު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ސައްހަ ނޫން މައުލޫމާތު ދެއްވި މައްސަލައިގެ ތަހްގީގު ކުރިއަށް ދާ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ފަހުގެ ތާރީހެއްގައި ރާއްޖޭގައި ކުރި އެންމެ ބޮޑު އެއް ހިޔާނާތުގެ މި އަމަލުގެ ފައިސާތައް އެސްއޯއެފް ނަމަކަށް ކިޔާ ކުންފުންޏަކަށް ޖަމާކޮށްފައި ވަނީ ބީއެމްއެލްގެ މުވައްޒަފުންގެ އިހުމާލުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގުތަކުން އެނގެއެވެ. އަދި އެ ކޮމިޝަނުން ވަނީ އެ މައުލޫމާތުތައް މަޖިލީހަށް ހިއްސާވެސް ކޮށްފައެވެ. އެގޮތުން މާލިއްޔަތު ކޮމެޓީގައި ވާހަކަފުޅުދައްކަވަމުން އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގައި ބީއެމްއެލްގެ 38 މުވައްޒަފުން ޝާމިލްވާ ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވަނީ ވަގުތީ އަމުރު ނެރެ ދިނުމުގައި ޝަރީއަތުން ބަލާ ސުޕްރީމް ކޯޓުގެ ގަޒިއްޔާގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތައް ބީއެމްއެލްއިން ވަގުތީ އަމުރު ނެރެ ދިނުމަށް އެދިފައިވާ ކަންކަމުގެ ތެރޭގައި ނުހިމެނޭ ކަމަށެވެ.

ބީއެމްއެލްއިން އެދުނު ވަގުތީ އަމުރު ސިވިލް ކޯޓުން ނެރެ ނުދިން އިރު ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފްގެ މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. އަދި އެ މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ވެސް ކުރަމުންނެވެ.