ބ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބ. ފެހެންދު އަށް ވަޑައިގެންފިއެވެ.

ފެހެންދު އަށް ރައީސް ވަޑައިގެންނެވުމުން އެމަނިކުފާނަށް އެ ރަށުން ހޫނު މަރުހަބާއެއް ދެންނެވި އެވެ. ރައީސްގެ މި ދަތުރުފުޅުގައި ފެހެންދޫގެ ކައުންސިލަރުންނާއި އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަކުރައްވައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މި ދަތުރުފުޅުގައި ބ. އަތޮޅުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އެ ޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްތަކަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ފެހެންދޫގެ އިތުރުން ފުޅަދޫ، އޭދަފުށި، ކިހާދޫ އަދި ދޮންފަނަށް ޒިޔާރަތްކުރައްވައި އެ ރަށްރަށުގެ ކައުންސިލަރުންނާއި އެ ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ އަދި އަތޮޅު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.