ރަށު ފަތުރުވެރިކަން ތަރައްގީކޮށް ފުޅާކުރުމަށް 11 ރަށަކުން ބިން ދޫކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"ޖަޒީރާ ރާއްޖެ – މަގޭ ރާއްޖެ" ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަށު ފަތުރުވެރިކަން ތަރައްގީކޮށް ފުޅާކުރުމަށް، މުޅިން އާ ނިންމުމެއް އެމަނިކުފާނު މިއަދު ނިންމަވާފައިވާ ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ، ބިން ބޮޑެތި ރަށްރަށުގައި، ރަށު ފަތުރުވެރިކަން ތަރައްގީ ކުރުމަށްޓަކައި، ބީލަމުގެ އުސޫލުން ބިންތަކެއް ދޫކުރުމަށް މިއަދު ނިންމަވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިވަގުތު ނިންމީ 11 ރަށަކުން ބިން ދޫކުރެއްވުމަށް ކަމަށެވެ.

ބިންދޫކުރަން ނިންމި ރަށްތަކުގެ ތެރޭގައި؛

  • ހއ. ފިއްލަދޫން ދައްޕަރު ސަރަހައްދު
  • ހއ. އުލިގަން،
  • ހއ. ކެލާގެ
  • އައްޑޫ ސިޓީގެ 6 ރަށް
  • ލ. ގަން އަދިި
  • ފުވައްމުލަކު ތުނޑި

ރައީސް ވިދާޅުވީ މިއީ ގައުމީ ތަރައްގީއަށް މުހިންމު މަސައްކަތަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓާ ޕްލޭން އެކަށައެޅޭއިރު، ހުރިހާ އަތޮޅަކަށް ބެހިފައިވާ، ދެމެހެއްޓެނިވި ފަތުރުވެރިކަމަކަށް، މި ސިނާއަތުގެ މިސްރާބު ބަދަލުވެގެންދާނެ ކަމަށެވެ. އަދި ބޮޑު ތިލަދުންމަތިން ފެށިގެން އައްޑުއަށް ފަތުރުވެރިކަން ފުޅާވެގެންދާއިރު، ވަކިވަކި ފަރުދުންގެ ޖީބަށް ވަންނަ ޑޮލަރު، ވަރަށް ބޮޑަށް އިތުރުވެ، އާއިލާތަކަށް އުފާވެރިކަން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުުރުން އިތުރު ރިޒޯޓްތަކާއި ގެސްޓްހައުސްތައް ހުޅުވެމުންދާއިރު، ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ވެސް، ސަރުކާރުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ބޮޑު ބަޖެޓެއް ކަނޑައަޅައި، ކަމާގުޅޭ މުއައްސަސާތައް ގުޅިގެން، މިހާރުވެސް އަންނަނީ އެ މަސައްކަތް ކުރައްވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިކަން ކުރިއަރަމުންދާ މިންވަރާ ގާތަށްވެސް، ވައިގެ ބަނދަރު ތަރައްގީވެފައި ނެތުމަކީ ވަރަށްބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި އެކަން ހައްލުކުރުމަށްޓަކައި، ހުޅުލޭ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ވާނީ ވަރަށް ބޮޑަށް ހަލުވިކުރެވިފައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ހަދަމުން އަންނަ ރިޒޯޓްތައް ނިމެންވާއިރަށް، ސަރަހައްދީ އެއާޕޯޓްތައް ހުޅުވުމަށް ވެސް، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.