ދެ އަންބަށް ކައިވެނި ކޮށްދިނުމުގެ ކުރިން ދޮށީ އަނބިމީހާ އާއި ދަރިންނަށް ހަރަދު ކުރޭތޯ ބެލުމަށް އަނބިމީހާގެ ބަޔާނެއް ނަގަން ޖެހޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ސާކިއުލާއެއްގައި, އެކަކަށް ވުރެ ގިނަ މީހުންނާ ކައިވެނިކޮށް ދިނުމުގެ ކުރިން، އިނދެގެން އުޅޭ އަނބިމީހާ އާއި ދަރިންނަށް ހަރަދު ކުރޭތޯ ބެލުމަކީ ކޯޓުތަކުން ކުރިން އަމަލުކުރި އުސޫލެއް ކަމަށް ވިޔަސް، ފަހަކަށް އައިސް ބައެއް ކޯޓުތަކުން އަނބިމީހާގެ ބަޔާން ނުނަގައި، ދެ އަންބަށް ކައިވެނި ކޮށްދޭ ކަން ފާހަގަކުރެވޭ ކަމަށް ބުނެފައިވެއެވެ.

އެހެންވެ، އެފަދަ ކައިވެނިތައް މީގެފަހުން ކޮށްދިނުމުގެ ކުރިން ދޮށީ އަނބިމީހާ އާއި ދަރިންނަށް އެ މީހަކު ހަރަދު ކުރޭތޯ ބެލުމަށްޓަކައި އަނބިމީހާގެ ބަޔާނެއް ކޯޓުތަކުން ނަގަން ޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެ ސާކިއުލާގައިވެއެވެ. އެ ސާކިއުލާގައި ސޮއި ކުރެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

އެއް އަންބަށް ވުރެ ގިނަ އަނބިންނާ ކައިވެނި ކުރާއިރު، ދޮށީ އަނބިމީހާގެ ބަޔާނެއް ކޯޓުތަކުން ނެގުމަކީ ކުރިން އަމަލުކުރި އުސޫލެކެވެ. ނަމަވެސް ފަހުން އެގޮތަށް ބަޔާނެއް ނުނަގައެވެ.