ތަހުގީގީ އިދާރާތަކަށް މައުލޫމާތު ފޯރު ކޮށްދިނުމާ ގުޅޭ ގޮތުން ޝަރީއަތުން ގޮތެއް ކަނޑައެޅެން ދެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންނަށް ފިޔަވަޅު އެޅުން ހުއްޓުވަން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެފަދަ އަމުރަކަށް ބީއެމްއެލުން އެދުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާ ދެކޮޅަށް އެ ބޭންކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ބޭއްވި ޑިސްޕިއުޓް މަރުހަލާގައެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ ބީއެމްއެލް އިން ބުނި ފަދަ އަމުރެއް ނެރެ ނުދިނުމަށެވެ. މި މައްސަލައަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ވެސް ތަދައްހުލް ވެފައިވާ މައްސަލައަކެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ބޭނުންވާ މައުލޫމާތު ދިނުމަށް ބީއެމްއެލްއިން އުޒުރު ވެރިވަނީ ހައިކޯޓުގެ ހުކުމެއްގެ ސަބަބުންނެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓް ފްރީޒް ކުރި މައްސަލާގައި ހައިކޯޓުން ކުރި ހުކުމަށްފަހު އެވެ.
ތަހުގީގީ އިދާރާތަކުން ބަލަމުންދާ މައްސަލަތަކުގައި ބޭންކް އޮފް މޯލްޑިވްސްއިން ހޯދަން ބޭނުންވާ ބައެއް މަޢުލޫމާތު ހޯދުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނަކަމަށް ފުލުހުންނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވަނީ ބުނެފައެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ފަހުގެ ތާރީހެއްގައި ރާއްޖޭގައި ކުރި އެންމެ ބޮޑު އެއް ހިޔާނާތުގެ މި އަމަލުގެ ފައިސާތައް އެސްއޯއެފް ނަމަކަށް ކިޔާ ކުންފުންޏަކަށް ޖަމާކޮށްފައި ވަނީ ބީއެމްއެލްގެ މުވައްޒަފުންގެ އިހުމާލުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގުތަކުން އެނގެއެވެ. އަދި އެ ކޮމިޝަނުން ވަނީ އެ މައުލޫމާތުތައް މަޖިލީހަށް ހިއްސާވެސް ކޮށްފައެވެ. އެގޮތުން މާލިއްޔަތު ކޮމެޓީގައި ވާހަކަފުޅުދައްކަވަމުން އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގައި ބީއެމްއެލްގެ 38 މުވައްޒަފުން ޝާމިލްވާ ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވަނީ ވަގުތީ އަމުރު ނެރެ ދިނުމުގައި ޝަރީއަތުން ބަލާ ސުޕްރީމް ކޯޓުގެ ގަޒިއްޔާގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތައް ބީއެމްއެލްއިން ވަގުތީ އަމުރު ނެރެ ދިނުމަށް އެދިފައިވާ ކަންކަމުގެ ތެރޭގައި ނުހިމެނޭ ކަމަށެވެ.
ބީއެމްއެލްއިން އެދުނު ވަގުތީ އަމުރު ސިވިލް ކޯޓުން ނެރެ ނުދިން އިރު ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފްގެ މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. އަދި އެ މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ވެސް ކުރަމުންނެވެ.