އައްޑޫ ސިޓީ ހިތަދޫ ޓްރެކް ސަރަހައްދުގައި ރޭ ވެއްޓިފައި އޮއްވާ ފެނުނު ބިދޭސީ މީހާ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމުން ފަރުވާ ފުރިހަމަ ނުވަނީސް ހޮސްޕިޓަލުން ފިލައިފިއެވެ.

އެ މީހާ ރޭ ހޮސްޕިޓަލަށް ގެންދިޔައީ އިރުއޮއްސި 6:30 އެހާކަށް ހާއިރު އެވެ. މި މީހާ ހިތަދޫ ޓްރެކް ސަރަހައްދުގައި ހުރި ބެންޗެއްގައި ބޯ އަޅައިގެން ބިންމަތީގައި އިން މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެމީހާ އެ ބެންޗު ކައިރީގައި އިންއިރު އެއްވެސް ހަރަކާތެއް ނެތެވެ.

"ދަޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް)ގެ އިސް އޮފިޝަލަކު ވިދާޅުވީ އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އެ ބިދޭސީ މީހާ އޮތީ މަސްތުވާ އެއްޗެއް ބޮއެގެން އަމަލުވެފައި ކަމަށެވެ. ނަމަވެސް މިއަދު ހެނދުނު ވީއިރު އޭނާ ހަމައަކަށް އެޅިފައިވާ ކަމަށް އޮފިޝަލް ވިދާޅުވެއެވެ. ނަމަވެސް ހޮސްޕިޓަލުން އެމީހާއަށް ދެމުން ދިޔަ ފަރުވާ ފުރިހަމަ ނުވަނީސް ފިލާފައިވާ ކަމަށާއި އެމީހާ ހޮސްޕިޓަލުން ފިލިކަން އެނގުމާ އެކު ފުލުހުންވެސް ހޮސްޕިޓަލަށް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެ ބިދޭސީ މީހާއަކީ އިންޑިޔާއަށް ނިސްބަތްވާ ކަރުނާ ނަމަކަށް ކިޔާ މީހެކެވެ. އަދި އޭނާއާކީ އައްޑޫގައި ރުއް ކެނޑުމުގެ މަސައްކަތުގައި އުޅޭ މީހެއް ކަމަށް ވެއެވެ. މިކަމާ ގުޅިގެން ފުލުހުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.