ޑީކޮމްޕްރެސް ސިކްނެސް (ޑިކޯ) ވެގެން ގދ.ތިނަދޫ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ޒުވާނަކު އަވަސް ފަރުވާއަށް އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފްއިން ބުނީ މިއަދު ހެނދުނު 10:15 ހާއިރު މާލެ ގެނެސްދީފައި ވަނީ އުމުރުން 26 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ ޒުވާނާ މާލެ ގެނައީ އޭނާ ބެލި ޑޮކްޓަރުން އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ލަފާ ދިނުމުން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފްއިން އިތުރަށް މައުލޫމާތު ދިން ގޮތުގައި ގދ. ގައްދޫއަށް އުފަން މި ޒުވާނާ ވަނީ އިއްޔެ ހަވީރު ގާތްގަނޑަކަށް 16:00 ހާއިރު 57.7 މީޓަރު ފުނަށް 51 މިނެޓް ވާންދެން ޑައިވްކޮށްފައެވެ.

އެ ޒުވާނާ ޑައިވްކުރިތާ ބައިގަޑިއިރު ފަހުން ވާތު ކޮނޑުގައި ކުއްލިއަކަށް ރިއްސަން ފަށައި ގައިގެ ހަކަތަ ދަށްވެ، އުނަގަނޑުން ތިރި ވާގިދޫވާގޮތް މެދުވެރިވެގެން ގދ.ގައްދޫ ސިއްޙީ މަރުކަޒުން ވަނީ ފަރުވާ ހޯދާފައެވެ. އަދި އިތުރު ފަރުވާއަށް އިއްޔެ ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.

އޭނާ މިހާރު އަންނަނީ އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުންނެވެ.