ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތު މިރޭ ބާއްވައިފިއެވެ.

ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތު ބާއްވައިފައި ވަނީ ގަލޮޅު ދަނޑުގައެވެ. މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ ކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސްގެ ދެކަނބަލުންގެ އިތުރުން ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ކުރީގެ ރައީސް ނަޝީދާއި އަދި ކުރީގެ ދައުލަތުގެ އެކި މަގާމުތައް ފުރުއްވާ ހިދުމަތް ކޮށްދެއްވާފައިވާ ބައެއް ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

މިނިވަން ދުވަހުގެ މުނާއްސަބަތުގައި ގަލޮޅު ދަނޑުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތު ފަށާފައި ވަނީ ގައުމީ ސަލާމުންނެވެ. ރަސްމިއްޔާތުގެ 3 ވަނަ އައިޓަމެއްގެ ގޮތުގައި އޮތީ ގައުމީ ދިފާއީ ބާރާއި ސްކޫލު މަދަރުސާތަކުގެ ޝަރަފުގެ ހިނގާލުމެވެ. ހިނގާލުމަށް ފަހު ސްކޫލްތަކުގެ އައިޓަމްތައް ވަނީ ބާއްވާފައެވެ. ސްކޫލްތަކުން މި ރަސްމިއްޔާރުގައި ވަނީ ގައުމީ ލަވަޔާއި، ނެށުންތަކާއި، ސަގާފީ ބައެއް ހަރާކާތްތަށް ހުށަހަޅައި ދީފައެވެ. ސުކޫލުތަކުގެ ސަގާފީ ހަރަކާތްތަކުގެ ތެރޭގައި، ކުރުދަނޑި ޖެހުމާއި ޅެމާއި ރައިވަރު ކިޔުން ފަދަ ކަންކަން ހިމެނެއެވެ. ސުކޫލުތަކުގެ ކޮންމެ ހަރަކާތަކީވެސް މިނިވަން ދުވަހާ ގުޅޭ ހާއްސަ މެސެޖެއް އެކުލެވިގެންވާ ހަރަކާތެވެ.

މިނިވަން ދުވަހުގެ މުނާއްސަބަތުގައި ގަލޮޅު ދަނޑުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

އެއަށް ފަހު ރަސްމިއްޔާތު ނިންމުމުގެ ގޮތުން ސިފައިންގެ ފަރާތުން ހާއްސަ ހަރަކާތެއް ވަނީ ދައްކާލައި ފައެވެ. އެ ހަރަކާތަކީ "ދިވެހިންގެ ރަމްޒު - ދިވެހި ދިދަ" އިގެ ނަމުގައި ކުރިއަށް ގެންދިޔަ މިއުޒިކާއި ހެވިކަމުގެ ހަރަކާތެކެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ހަރަކާތްތައް މިމަހުގެ 28 ވަނަ ދުވަހާ ހަމަޔަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން މާދަމާ ހަވީރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޕެރޭޑާއި ރޫޓް މާޗެވެ. ޕެރޭޑާއި ރޫޓް މާޗް ކުރިއަށް ގެންދާނީ މާދަމާ ހަވީރު 4:30 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމަޔަށް މާލޭގެ ބޮޑެތި މަގުތަކުގައެވެ. އަދި 28 ވަނަ ދުވަހުގެ ހަވީރު ކުރިއަށް ގެންދާނީ މިނިވަން ދުވަހުގެ މުނާއްސަބަތުގައި ބާއްވާ ފުޅަނދުބުރެވެ. ފުޅަނދު ބުރު މާލޭގެ ބޮޑެތި މަގުތަކުގައިގެ އިތުރުން އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ރޯޑުގައި ކުރިއަށް ގެންދިމަށް ވަނީ ހަމަޖެހިފައެވެ.