ދެމުން ގެންދާ ބައެއް ހިދުމަތްތަކަށް ބުރޫ އަރަނީ ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން ދާތީ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ދެމުންދާ ބައެއް ހިދުމަތްތައް ހޯދުމުގައި ދަތިތަކެއް ކުރަމަތިވަމުން ދާތީ އާންމުން ނުރުހުން ފާޅުކުރަމުން ދާ މި ދަނޑިވަޅުގައި ދިރާގުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެފަދަ ކަންކަން ކުރިމަތިވަނީ ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑްގެ ދެވަނަ މަރުހަލާގެ މުހިންމު މަސައްކަތްތަކެއް ކުރިއަށް ދާތީ ކަމަށެވެ. އެގޮތުން ދިރާގުން ކުރާ އަޕްގްރޭޑްގެ ސަބަބުން 6 ހިދުމަތެއް ހޯދުމަށް ދަތިވެދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

  • ރީލޯޑް އަދި ރީޗާޖް އާއި ގުޅޭ ހިދުމަތްތައް
  • މޮބައިލް އެޑްއޮންސް އަދި މޮބައިލް ޕެކޭޖް ބަދަލުކުރުން
  • ދިރާގު ވެބްސައިޓްގައިވާ "މައި އެކައުންޓް" އަދި ދިރާގު މޮބައިލް އެޕް
  • މަމެން މޯބައިލް އެޕް (ބިލްޑް އަދި ޓޭކްބެކް ފީޗާ)
  • ދިރާގު ކަސްޓަމާ ސާވިސް ސެންޓަތައް އަދި ދިރާގު ޕާޓްނާޝޮޕް ތަކުން, އާ މޮބައިލް ހިދުމަތް ހޯދުމާއި މޮބައިލް ބިލަށް ފައިސާ ދެއްކުން
  • މޮބައިލް ނަންބަރު ޕޯޓަބިލިޓީ

ދިރާގުން ބުނީ މި އަޕްގްރޭޑްގެ ސަބަބުން ކަސްޓަމަރުންނަށް ޑޭޓާ، ވޮއިސް ކޯލްސްގެ އިތުރުން އެސްއެމްއެސް ކުރުމަށް އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ކަަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި މަސައްކަތް ކުރިއަށް ގެންދާ ވަގުތުތަކުގައި ބައެއް ހިދުމަތްތައް ފޯރުކޮށްދިނުމަށް ދަތިވެދާނެ ކަަމަށް ދިރާގުން ބުނެއެވެ. އެހެން ނަމަވެސް މި އަޕްގްރޭޑް ނިމޭން ވަކި މުއްދަތެއް ދިރާގުން އާންމުކޮށްފައެއް ނުވެއެވެ.

އަމާޒަކީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ މައި ހިދުމަތްތަކަށް ވީހާވެސް ބުރޫ ނާރާނެ ގޮތަކަށް މަސައްކަތް ރާވާ ކުރިއަށް ގެންދިއުން ކަަމަށާްި އަދި މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ދިމާވާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިނަ މައާފަށް އެދޭކަމަށް ދިރާގުން ވަނީ ބުނެފައެވެ. ކަސްޓަމަރުންނަށް ދިމާވަމުންދާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ދިރާގުން ބުނެއެވެ.