މޯލްޑިވްސް އިންޓަގްރޭޓެޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލުމަށް މަޖިލީހުގެ ބައެއް މެމްބަރުން ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިހެން ވިދާޅުވެފައި ވަނީ އިއްޔެ ބޭއްވި ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ) ގެ ބައްދަލުވުމުގައި އެމްއައިޓީޑީސީގެ މެމްބަރުން ހާޒިރުކޮށް ވާހަކަ ދައްކަވަމުންނެވެ. މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ވިދާޅުވީ އެމްއައިޓީޑީސީއަކީ ކުރީގެ ސަރުކާރުން ވައްކަން ކުރަން އުފެއްދި ކުންފުންޏެއް ކަމަށާ، އެއީ ވަގުތުން ވަގުތަށް އުވާލަން ޖެހޭ ކުންފުންޏެއް ކަމަށެވެ.

އަދި އެ ކުންފުންޏަކީ އެމްއެމްޕީއާރުސީން ގާނޫނާ ހިލާފަށް ކަންކަން ކުރުމަށް ހަދާފައިއޮތް ކުންފުންޏެއް ކަމަށެވެ. އަދި އެމްއައިޓީޑީސީން މިހާރު ގެންގުޅޭ ސިޔާސަތަކީ އެމްޑީޕީގެ ލޯކަލް ޓުއަރިޒަމް ސިޔާސަތާ އެއްގޮަތް ސިޔާސަތެއް ނޫން ކަމަށްވެސް މެމްބަރު ވިދާޅުވި އެވެ.

އެމްއައިޓީޑީސީގެ ބަރެސްދޫ މަތިން ފެންނަ ގޮތް / ފޮޓޯ: މަޖިލިސް އިދާރާ

މިކަމާ ގުޅިގެން އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ރާއިދު ވިދާޅުވީ، އެމްއައިޓީޑީސީއަކީ އެމްއެމްޕީއާރުސީން ގާނޫނާ ހިލާފަށް ކަންކަން ކުރުމަށް ހަދާފައި އޮތް ކުންފުންޏެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އެމްޑީޕީގެ ލޯކަލް ޓުއަރިޒަމްގެ ޕްލޭނާ އެއްގޮތަށް ކަމަށް ވެސް ރާއިދު ވިދާޅުވި އެވެ. ކޮމިޓީގައި އެމްއައިޓީޑީސީގެ އެމްޑީ ރާއިދު ވަނީ ރައީސް ޔާމީންގެ ސަރުކާރުގައިި އެމްއައިޓީޑީސީއިން ކޮށްފައިވާ ވައްކަމާ ބޮޑެތި ހިޔާނާތުގެ ވާހަކަތައް ހިއްސާ ކުރައްވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގައި އެމްއައިޓީޑީސީއަކީ ޓުއަރިޒަމް މިނިސްޓްރީއިން މަނީ ލޯންޑާ ކުރަން ބޭނުން ކުރި ކުންފުންޏެއް ކަމަށެވެ. އެގޮތުން ސީއެސްއާރުގެ ގޮތުގައި 14 ރިސޯޓަކުން ޖުމްލަ 2.36 މިލިއަން ޑޮލަރު ޓުއަރިޒަމް މިނިސްޓްރީއަށް ލިބިފައި ވާއިރު، އެފައިސާ އެމްއައިޓީޑީސީއަށް ވެއްދި ނަމަވެސް، އެއީ އެކުންފުންޏަށް ލިބިފައިވާ ފައިސާއެއް ނޫން ކަމަށް ރާއިދު ވިދާޅުވި އެވެ. އަދި އެއީ ރިސޯޓުތަކުން ސީއެސްއާރުގެ ގޮތުގައި ޓުއަރިޒަމް މިނިސްޓްރީއަށް ދިން ފައިސާ ކަމަށްވެސް ރާއިދު ވިދާޅުވި އެވެ.

އެމްއައިޓީޑީސީއަށް ލީސްއަށް ދޫކޮށްފައި އޮތް ބަރެސްދޫގައި ޓުއަރިޒަމް ޑިވެލޮޕްމަންޓަށް ޕްރޮޖެކްޓް ތައް ހަދަން ޖައުސާ ކޮންސްޓްރަކްޝަނަށް 15 މިލިއަން ރުފިޔާ ދީފައި ވާއިރު މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވޭ.
އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ރާއިދު

އަދި އެމްއައިޓީޑީސީއަށް ލީސްއަށް ދޫކޮށްފައި އޮތް ބަރެސްދޫގައި ޓުއަރިޒަމް ޑިވެލޮޕްމަންޓަށް ޕްރޮޖެކްޓް ތައް ހަދަން ޖައުސާ ކޮންސްޓްރަކްޝަނަށް 15 މިލިއަން ރުފިޔާ ދީފައި ވާއިރު މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަރެސްދޫން 10 ފަރާތަކަށް ބިން ކުއްޔަށް ދީފައި ވާކަމަށް ރާއިދު ވިދާޅުވި އެވެ. އޭގެތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ބައެއް މެމްބަރުންނާއި ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ހިމެނޭ ކަމަށް ވެސް ރާއިދު ވިދާޅުވި އެވެ.

އެ މައްސަލަތައް މިހާރު އޭސީސީއަށް ހުށަހަޅުއްވާފައިވާ ކަމަށްވެސް އެމްއައިޓީޑީސީން ބުނެއެވެ. އެމްއައިޓީޑީސީގެ ނަމުގައި ރައީސް ޔާމީނުގެ ސަރުކާރުގައި ކުންފުންޏެއް އުފައްދާފައި ވަނީ 2016 ވަނަ އަހަރު އެވެ.