ބޭންކް އޮފް މޯލްޑިވްސް ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝާރީފް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދޮގު މައުލޫމާތު ދެއްވިކަން ސާފުވެވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޝަރީފް ދެއްވީ ދޮގު މައުލޫމާތު ކަން މިހާރު ސާފުވެވަޑައިގެންފައިވާ އިރު މަޖިލީހުން ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅައިފައިވާ މައްސަލަ އަނބުރާ ގެންނަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޝަރީފު މާލިއްޔަތު ކޮމެޓީގައި ދޮގުމައުލޫމާތު ދެއްވީ އޮޅުމަކުން ކަމަށް ވިދާޅުވެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން، މާލިއްޔަތު ކޮމެޓީގެ ޔައުމިއްޔާ ބެއްލެވި ކަމަށާއި، އެނގިވަޑައިގެންފައި ވަނީ ޝަރީފް ގަސްތުގައި މަޖިލީހުގެ ކޮމެޓީއަށް އޮޅުވާލައްވާފައި ވާކަން ކަމަށެވެ. ޝަރީފް މަޖިލީހަށް ފޮނުއްވި ޗެކުގައި އޮތީ "ބައުންސް ޗެކަކަށް ވާނެ ގޮތް" ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވެފައި ވަނީ މަޖިލީހަށް ތެދު މައުލޫމާތު ދެއްވާނެ ކަމަށް ވިދާޅުވެ މަޖިލީހަށް ޝަރީފް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވުމުން މާލިއްޔަތު ކޮމިޓީގެ މުގައްރިރާ ވާހަކަ ދެއްކެވުމަށް ފަހު ޕޮލިހުގައި އެދިފައި އޮތް އެދުމާ ގުޅޭގޮތުން އަލުން އަނބުރާ ވިސްނެވުމަށް ގަސްދުކުރެއްވި ކަމަށެވެ.

ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ކޮންމެ މީހަކު މެ ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެކިބަސް ދިނުމަށާ، ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ލިބިގެންވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކޮންމެ މީހަކާ ކުރާ ކޮންމެ ސުވާލަކަށް އެ މީހަކަށް އެނގި ހުރި އެންމެ ރަނގަޅަށް ތެދު ބަހުން ޖަވާބު ދޭން ވާނެ ކަމަށް ބަޔާން ކޮށްފައި ވެއެވެ.

މަޖިލީހުގައި ދޮގު ހެދުމަކީ ޖިނާއީ ކުށެކެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ ނުވަތަ ޝައްކު ކުރެވިއްޖެ ނަމަ އެކަން ތަހުގީގުކޮށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް މަޖިލީހުން ހުށަހެޅޭނެއެވެ.