މެއިންޓަނަންސް މަސައްކަތެއް ކުރުމަށް މިރޭ ދަންވަރު އިންޓަނެޓް ބޭންކިންގެ ހިދުމަތަށް ބުރޫ އަރާފާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

އެ ބޭންކުން ކުރ ޓްވީޓެއްގައި ބުނެފައި ވަނީ ކަސްޓަމަރުންނަަށް މިރޭ ދަންވަރު 1:00 އާއި 2:00 ދެމެދު އިންޓަނެޓް ބޭންކިން ބޭނުން ކުރުމުގައި ބުރޫ އަރާފާނެ ކަމަށެވެ. އަދި މިގަޑި ހަމަޖައްސާފައި ވަނީ ވީހާވެސް ކުޑަކޮށް ހިދުމަތަށް ބުރޫއަރާނެ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ނަމަވެސް މިރެއަކީ ހުކުރުވިލޭރޭ ކަމުން ގިނަ އަދަދެއްގެ ބަޔަކު އިންޓަނެޓް ބޭންކިން ބޭނުން ކުރާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ޓްވިޓާގައި ނުރުހުން ފާޅުކުރަމުންނެވެ. އާންމުކޮށް ހުކުރު ވިލޭރެއަކީ ހަފްތާ ބަންދުވާ ދުވަސް ކަމުން ގިނަ ބަޔަކު ދަންވަންދެން އެކި ކަންކަމުގައި ކެފޭ ރެސްޓޯރަންޓް އަދި ހޮޓާތަކުގުގައި އުޅެއެވެ.

ބީއެމްއެލުން ވަނީ ދާދި ފަހުން އެ ބޭންކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން އޭޓީއެމް މެޝިންތަކުގައި ކާޑު ބޭނުން ކުރާގޮތް ވެސް ބަދަލު ތަކެއް ގެނެސްފައެވެ. ބީއެމްއެލުން އަންނަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެބޭންކުގެ ބްރާންޗްތައް ހިންގަމުންނެވެ.