ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހަލުވި މިނެއްގައި އެބޯލާ ފެތުރެމުންދާތީ ރާއްޖެއިން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ ދިވެހި ރާއްޖެއަށް ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމަށް މިހާރު ހެދިފައިވާ ރިސްކް އެސެސްމެންޓަށް ބަލާއިރު، ދިވެހިރާއްޖެއަށް މިބަލި އައުމުގެ ފުރުސަތު ކުޑަކަމަށެވެ.

އެހެންނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިއީ އިމަރޖެންސީއެއް ކަމަށް ކަނޑައެޅުމާއެކު، މިފަދަ އިމަރޖެންސީއެއް ދިމާވުމުން ކަންކުރާނެގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރެސްޕޮންސް ޕްލޭން އެކްޓިވޭޓް ކުރެވި، މިބަލިން ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ފަށާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

އެގޮތުން ސިއްހީ ދާއިރާގެ ހެލްތް އިމަޖެންސީ ކޯޑިނޭޝަން ކޮމިޓީގައި ސިއްހީ ދާއިރާއިން ވާންވީ ތައްޔާރީތަކާބެހޭގޮތުން މަޝްވަރާ ކުރުމާއި، އެކި ދާއިރާތައް ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ އިންޓަނޭޝަނަލް ހެލްތް ރެގިއުލޭޝަންސް (އައިއެޗްއާރް) ކޮމިޓީ ބައްދަލުކޮށް، ކަމާގުޅޭ ދާއިރާތަކުން ވާންޖެހޭ ތައްޔާރީތަކާއި އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ މައުލޫމާތުތައް ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގައި މީހަކު މިބައްޔަށް ޝައްކުކުރެވިއްޖެނަމަ އަމަލު ކުރާނެ އުސޫލުތައް މުރާޖައާކޮށް، ކަމާގުޅޭ ފަރާތްތައް އެއުސޫލުތަކަށް އަހުލުވެރި ކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައެވެ. މި ބައްޔާބެހޭގޮތުން ކުރިއަށް ގެންދެވޭ މަސައްކަތްތަކާއި ހާލަތު ގާތުން މޮނިޓާކުރަމުން ގެންދާކަމަށް ރާއްޖޭގެ ހެލްތް މިނިސްޓްރީން ބުނެއެވެ.

ކޮންގޯގައި މިހާރު ފެތުރެމުންދާ އެބޯލާ ރޯގާއަކީ ބައިނަލްއަގުވާމީ ގޮތުން ކަންބޮޑުވުން އޮތް އާއްމު ސިއްހަތުގެ އިމަޖެންސީ (ޕަބްލިކް ހެލްތް އިމަރޖެންސީ އޮފް އިންޓަރނޭޝަނަލް ކޮންސާން) އެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިއްޔެ ވަނީ ކަނޑައަޅާފައެވެ.

އިންޓަރނޭޝަނަލް ހެލްތް ރެގިއުލޭޝަންސްގެ ދަށުން 'ޕަބްލިކް ހެލްތް އިމަރޖެންސީ އޮފް އިންޓަރނޭޝަނަލް ކޮންސާން' އެއް ކަމަށް ކަނޑައަޅަނީ ގައިންގަޔަށް އަރާ ބައްޔެއް ނުވަތަ އާއްމު ސިއްހަތަށް ހުރި އެހެންވެސް ނުރައްކަލެއް އެއްގައުމުން އެހެން ގައުމުތަކަށް ފެތުރިދާނެ ކަމަށް ބެލެވި، ބައިނަލްއަގުވާމީ ފެންވަރުގައި މިކަމަށް އިޖާބަދިނުމަށް ގުޅިގެން ވިލަރެސްކުރަންޖެހޭ މިންވަރުގެ މަސައްކަތްތަކެއް ބޭނުންވާ ކަމަށް ފާހަގަކުރެވޭނަމައެވެ.

މިހާރު ކޮންގޯގައި ކުރިއަށްދާ އެބޯލާ އައުޓްބްރޭކްގައި އެގައުމުގެ ސިއްހީ ހިދުމަތްތެރިންނާއެކު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާއި އދ ގެ އެހެން ޖަމްއިއްޔާތަކާއި، އެމެރިކާގެ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އާއި، އިންޓަނޭޝަނަލް އޮފިސް އޮފް މައިގްރޭޝަން އަދި އެހެނިހެން ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި އެކި ގައުމުތަކުގެ ކަމާބެހޭ މާހިރުން ހަރަކާތްތެރިވަމުންދެއެވެ.

އެގޮތުން ބަލި ތަހުލީލު ކުރެވޭނެ ސެންޓަރުތަކާއި، ބަލިމީހުންނަށް ފަރުވާ ކުރާ ސެންޓަރުތައް ހިންގުމާއި ވެކްސިން ޖެހުންފަދަ ބަލި ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އަޅަމުން ގެންދެވެއެވެ.

މި އިމަރޖެންސީ އިއުލާނު ކުރެއްވިއިރު، ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ގައުމުތައް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ފާހަގަކުރައްވާފައިވަނީ ކޮންގޯއާއި އަވަށްޓެރި ގައުމުތަކެވެ. އެބޯލާއިން މި ގައުމުތައް ރައްކާތެރި ކުރުމަށް އިތުރު އަދި ހާއްސަ ފިޔަވަޅުތަކެއް އަޅާ، ތައްޔާރުވުމުގެ މަސައްކަތް މިހާރުވެސްވަނީ ހިންގިފައެވެ.