ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ދައުވާކުރާ މަނީ ލޯންޑާކުރުމަށް އެހީތެރިވެދިނުމާއި، ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިން މައްސަލައިގައި، އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ދައުލަތުން ހުށަހަޅައިފިއެވެ.

ޔާމީންގެ ވަކީލުކަން ވެސް ކުރެއްވި އާޒިމާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޔާމީންގެ ނަންފުޅު ހުށަހަޅުއްވާފައިވާ އިރު، އާޒިމާގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވަނީ ވެސް ރައީސް ޔާމީންްއަށް ތުހުމަތުވާ މަނީ ލޯންޑަރިންގެ މައްސަލައާ ގުޅިގެންނެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއާ ގުޅިގެން މިއަދު ވަނީ އެ މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން ބާއްވާފައެވެ. އަދި އެ ދެ ދައުވާގެ ތަފްސީލު ޕީޖީ އޮފީހުން ކޯޓުގައި ވަނީ އިއްވާފައެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ އާޒިމާ ދޮގު މައުލޫމާތު ފޯރުކޮށްދެއްވާ ފައިވަނީ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކަމަށެވެ. އަދި އެއީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލަ އޭސީސީން ބަލަމުން ދަނިކޮށް، އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކުރުމުގެ ގާނޫނީ ލަފާ ދެއްވީ އާޒިމާ ކަމަށް ޕީޖީގެ ވަކީލު ވިދާޅުވިއެވެ. މީގެ އިތުުރުން އެސްކްރޯ އެކައުންޓަށް ޖަމާކުރުމަށް ހެދި އެގްރީމެންޓް ޑްރާފްޓް ކުރެއްވީ ވެސް އާޒިމާކަމަށް ޕީޖީގެ ވަކީލު ވިދާޅުވިއެވެ. ނަމަވެސް އެސްކްރޯ އެކައުންޓަށް އެ ފައިސާ ޖަމާނުކޮށް، އެ ފައިސާ ޖަމާކުރީ އިސްލާމިކް ބޭންކުގެ އިންވެސްޓްމަންޓް އެކައުންޓަށެވެ.

ޕީޖީގެ ވަކީލު ވިދާޅުވީ އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް އޭގެ އަސްލު އޮޅުވާލި ކަމަށެވެ. މި މައްސަލައިގައި ޔާމީންގެ މައްޗަށް ކުރަނީ މަނީ ލޯންޑާކުރެއްވި ކަމުގެ ތުހުމަތެވެ.

މަނީ ލޯންޑަރިންއަށް މަގުފަހި ކޮށްދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ކުރަނީ އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރުމަށް ހެދި އެގްރީމެންޓާ ހިލާފަށް އެ ފައިސާ އިސްލާމިކް ބޭންކުގެ އިންވެސްޓްމަންޓް އެކައުންޓަށް ޖަމާކޮށް، ބީއެމްއެލުން ވަކިގޮތަކަށް ލިޔުން ހޯދަން މަސައްކަތް ކުރައްވައި ލިޔުން ހޯއްދަވާފައި ވާތީއެވެ.

އަދި އެ ލިޔުމުން އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާގެ އަސްލު އޮޅުވާލާފައި ވާކަމަށް ޕީޖީގެ ވަކީލު ވިދާޅުވިއެވެ. އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާ އެހެން އެކައުންޓަކަށް ޖަމާކޮށް، އެސްކްރޯ އެކައުންޓަށް ޖަމާކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އަތްޕުޅުން ހޯއްދެވި އެއް މިލިއަން ޑޮލަރުކަމަށް މީގެ ކުރިން ދައުލަތުން ވަނީ ބުނެފައެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން އެސްކްރޯ އެކައުންޓް ހެދި އިރު، އޭސީސީގެ ރައީސްކަމުގައި ހުންނެވި ހަސަން ލުތުފީއާއި، އޭސީސީ އެއިރުގެ ނައިބު ރައީސް އަދި މިހާރުގެ ރައީސް މުއައްވިޒު ރަޝީދު ވެސް އާޒިމާއާ ދެކޮޅަށް ހެކީގެ ގޮތުގައި ދައުލަތުން ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން މޫސާ ޒަމީރާއި ކުރީގެ ނައިބު ރައީސް އަދި ޔާމީންގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ނަން ވެސް ވަނީ އާޒިމާއާ ދެކޮޅަށް ހެކީންގެ ގޮތުގައި ހުށަހަޅާފައެވެ. އަދި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ނަން ވެސް ހެކީގެ ގޮތުގައި ދައުލަތުން ވަނީ ހުށަހަޅާފައެވެ.

އާޒިމާއާ ދެކޮޅަށް ހެކިވެރިންގެ ގޮތުގައި މި ބޭފުޅުންގެ ނަންތައް ހުށަހަޅާފައިވާ އިރު، ދައުލަތުން ވަނީ ކިތާބީ ހެކީގެ ގޮތުގައި ވެސް ގިނަ ހެކިތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ބޭންކް ސްޓޭޓްމަންޓްތަކާއި، ޗެކްތަކާއި ރައީސް އޮފީހާއި ބޭންކުގެ ސިޓީތައް ހިމެނެއެވެ.

އާޒިމާއަށް ކުރާ ދައުވާގެ ޝަރީއަތުގައި ގާޒީ ވަނީ ދެ ފަރާތަށް ވެސް ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އަދި މި މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވާނީ އަންނަ މަހު ކަމަށް ގާޒީ ވިދާޅުވިއެެވެ. އަދި ހުށަހެޅުންތަކާމެދު ގޮތެއް ނިންމާ މައްސަލައިގެ ޝަރީއަތާމެދު ގޮތެއް ނިންމަވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމަށް އާޒިމާ ވަޑައިގެންނެވީ ވަކީލަކާ އެކުގައެވެ. އަދި އާޒިމާ ވަނީ ދައުވާއަށް އިންކާރުކުރައްވައި، މި މައްސަލައަކީ ޕީޖީ އައިޝަތު ބިޝާމްގެ މަސްލަހަތު ހިމެނޭކަމެއް ކަމަށް ވިދާޅުވެ، އެ މައްސަލަ ބިޝާމަށް ހުށަނޭޅުއްވޭނެ ކަމަށް ވިދާޅުވެފައެވެ.