ސަރުކާރުގެ ޒިންމާދާރު ފަރާތަތަކުން އެކި ބޭނުންތަކުގައި މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކުރުމުން އިތުރުފުޅު ހައްދަވާކަމަށް ކޮމެޓީ މުގައްރިރުން ޝަކުވާ ކުރައްވާ ކަމަށާއި މީގެ ފަހުން އެފަދަކަމެއްގެ ޝަކުވާ މުގައްރިރެއްގެ ފަރާތްޕުޅުން ލިބިވަޑައިގެންފި ނަމަ އެ މައްސަލައާމެދު ފިޔަވަޅުއަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮމެޓީތަކަށް ހާޒިރުކުރާ ފަރާތްތަކުގެ ފަރާތުން ސީދާ ޖަވާބު ނުލިބުމާ ކަންކަމުގެ ހަގީގަތާ ހިލާފު ވާހަކަތައް އެ ފަރާތްތަކުގެ ފަރާތުން ދައްކަމުން ދާކަމުގެ ޝަކުވާ މުގައްރިރުންގެ ފަރާތްޕުޅުން ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި މިފަދަކަމެއް ތަކުރާރުވެއްޖެ ނަމަ އެ ފަރާތަކާ މެދު ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވަފައެވެ.

ރައީސް ނަޝީދު ވަނީ މަޖިލީހުގެ ތަޅުމުގައި އިތުރުފުޅެއް ހެއްދެވުމަކީ ޖިނާއީ ކުށެއްކަން ފާހަގަކުރައްވާފައެވެ. އެހެން ކަމުން އެފަދަކަންކަން ތަކުރާރު ނުކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން މަޖިލީހުގެ ކޮމެޓީތަކަށް ސަރުކާރުގެ ޒިންމާދާރު ފަރާތްތައް ހާޒިރުކޮށް ސުވާލުކުރުން ކުރިއަށް ގެންދިއުމުގައި އެ ބައްދަލުވުންތަކަށް ބައެއް މެންބަރުންގެ ފަރާތުން ހުރަސް އެޅޭކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި އެފަރާތްތަކަކީ ސަރުކާރުގެ މުއައްސަސާތަކުގެ އިސް ޒިންމާއެއް އޮންނަ ފާރާތްތަކެއް ކަމުގައި ވާތީ އެ ފަރާތްތަކުގެ ވަގުތުތައް ބޭކާރު ނުކުރެއްވުމަށް އެމަނިކުފާނު ވަނީ ކޮމެޓީތަކުގެ މުގައްރިރުންނާއި ކޮމެޓީތަކަށް ނިސްބަތްވާ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.