މެލޭސިއާގައި ވޯޓުލެވޭ އުމުރަށް ބަދަލުގެނައުމުގެ ގާނޫނީ މަސައްކަތް ފަށައިފިއެވެ.

މެލޭޝިއާގެ ގާނޫނު ހަމަޖެހިފައި އޮންނަ ގޮތުން އެގައުމުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ އެންމެ ހަގު އުމުރަކީ 21 އަހަރެވެ. މިއީ 21 އަހަރު ފުރުމުން ނޫނީ ވޯޓު ނުލެވޭ ގޮތަށް މިހާރު އޮންނަ މަދު ގައުމުތަކުގެ ތެރެއިން ގައުމެކެވެ.

މެލޭސިއާގެ ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ އެގައުމުގައި ވޯޓުލެވޭ އެންމެ ހަގު އުމުރަކީ 18 ކަމުގައި ހެދުމަށް މަސައްކަތްތައް ކުރަމުންނެވެ.

ވޯޓުލެވޭ އެންމެ ހަގު އުމުރަށް ބަދަލު ގެނައުމުގެ މައްޗަށް މެލޭސިއާގެ ގާނޫނު ހަދާ މަޖިލީހަށް ވައްދާފައިވާއިރު، މިއަދު ކުރިއަށް ދާނީ ބަހުސް މަރުހަލާކަމަށް ޚަބަރު ލިބެއެވެ.

މިއީ މެލޭސިއާގެ ސަރުކާރާ އެގައުމުގެ އިދިކޮޅު ފަރާތްތަކުން އެއްގަލަކަށް އަރާފައިވާ ހަމައެކަނި އިސްލާހެވެ.

މެލޭސިއާގެ ވޯޓުލުމާ ބެހޭ ގާނޫނަށް ގެންނަ އިސްލާހީ ބަދަލުތަކުގެ ތެރޭގައި، ހައްގު ލިބިގެންވާ މީހުން އޮޓަމެޓިކުން ވޯޓާޒް ލިސްޓުގައި ދަފުތަރުވާ ގޮތް ހެދުމާ، އުމުރުން 18 އަހަރު ފުރުމުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުން ފަދަ އިސްލާހުތައް ފާހަގަކުރެވެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ވޯޓުލެވޭ އެންމެ ހަގު އުމުރު ކަނޑައެޅާފައިވާ ގޮތަށް ބަލާއިރު އިންޑޮނޭސިއާގައި 17 އަހަރު ކަމަށް ބުނެފައި އޮންނައިރު، އޮސްޓްރިއާގައި ވޯޓުލެވޭނެ އެންމެ އަގު އުމުރެއް ކަމުގައި ކަނޑައަޅާފައިވަނީ 16 އަހަރެވެ.