އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) އަކީ ރާއްޖޭގެ ކުޅިވަރުގެ ތާރީހާ ވަރަށް ބޮޑަށް ގުޅިފައިވާ މުބާރާތެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އައިއޯއައިޖީ އަކީ ރާއްޖޭގެ ކުޅިވަރުގެ ތާރީހާ ވަރަށް ބޮޑަށް ގުޅިފައިވާ މުބާރާތެއް ކަމަށާއި، ބައިނަލްއަގްވާމީ މުބާރާތަކުން ރާއްޖެއަށް އެންމެ ފުރަތަމަ މެޑެއްޔެއް ލިބުނީ، މީގެ 40 އަހަރު ކުރިން އެންމެ ފުރަތަމަ ބޭއްވި އައިއޯއައިޖީގައި ކަމަށެވެ. އަދި ރާއްޖެއަކީ އެ މުބާރާތުގެ ފައުންޑާ މެންބަރު ގައުމަކަށް ވާތީ، މި މުބާރާތަށް ކުޅުންތެރިން ދާންވާނީ ވަރަށް ވަރުގަދަ އަޒުމަކާ ވަރަށް މަތިވެރި ރޫހެއްގައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ. އަދި އެއީ ކުޅުންތެރިންތަކެއް އުފައްދައި، ހުނަރުވެރި ގާބިލް، އަދި ހަށިހެޔޮ ޒުވާން ޖީލެއް ބިނާކުރުމުގެ ބޭނުމުގައި ކަނޑައެޅުއްވި ސިޔާސަތެއްކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، އައިއޯއައިޖީ ގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިން ހޯދާ ކޮންމެ ކާމިޔާބަކީ، އަދި ހޯދާ ކޮންމެ ރީތި ނަމަކީ، މުޅި ގައުމަށް ލިބޭނެ ވަރަށް މަތިވެރި ފަހުރަކާއި ޝަރަފަކަށް ވާނެކަމަށާއި، އެހެންކަމުން ކުޅުންތެރިން މުބާރާތަށް ގޮސް އުޅޭއިރު، ރީތި އަހުލާގުގެ އެންމެ މަތީ މިންގަނޑުގައި ހިފެހެއްޓުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ އައިއޯއައިޖީ ގައި ރާއްޖެ ތަމްސީލްކުރާ ކޮންޓިންޖެންޓާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަހަރުގެ މުބާރާތަށް ރާއްޖޭގެ ކުޅުންތެރިން ފުރާއިރު، 2023 ވަނަ އަހަރުގެ އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް އުއްމީދު ކުރައްވާ ކަމަށާއި، އެކަމަށް ކުރިމަތިލައިގެން، ވަރަށް ގިނަ ގައުމުތަކުގެ ރުހުމާއި ތާއީދު މިހާރުވެސް ކަށަވަރުވެފައި ވާނެ ކަމަށެވެ. އަދި މިފަދަ ބޮޑު މުބާރާތެއްގެ ވާހަކަ ދައްކާއިރު، ބައެއް ބޭފުޅުންގެ ކަންބޮޑުވުންތަކެއް ހުރެދާނެކަމަށާއި، މިކަމުގައި ސަރުކާރުން ސީދާ އެ މުބާރާތްތަކަށް އަމާޒުކޮށްގެން، ބޮޑެތި ހަރަދުތަކެއް ކުރަން ގަސްދު ނުކުރައްވާ ކަމަށާއި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ ގައުމީ ތަރައްގީގެ މަޝްރޫއުތަކާ ގުޅުވައިގެން، އެ މުބާރާތް ރާއްޖޭގައި ބޭއްވޭނެ ގޮތެއް ހެއްދެވުން ކަމުގައި ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

ފްލޭގް ބެއަރާ އަކަށް ކަނޑައެޅި އެތްލީޓް އަހްމަދު ޒަބީރަށް ފްލެގް ހާވަލުކޮށްދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމުގެ މަސައްކަތްތައް، މި ސަރުކާރުން ކުރިއަށް ގެންދަނީ، ވަރަށް ހާއްސަ އިސްކަމެއް ދީގެންކަމަށާއި، ކުޅުންތެރިން ތަމްރީން ކުރުމަށް ބޭނުންވާ ބަޖެޓް، މިހާރު ވާނީ އެސޯސިއޭޝަންތަކަށް ހަމަޖައްސައިދީފައި ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގައި ވަނީ އައިއޯއައިޖީގައި ރާއްޖެ ތަމްސީލުކުރާ ފްލޭގް ބެއަރާ އިއުލާންކޮށްފައެވެ. ފްލޭގް ބެއަރާ އަކަށް އެތްލީޓް އަހްމަދު ޒަބީރު ކަނޑައަޅާފައިވައިރު ރައީސް ސޯލިހް ވަނީ މި ރަސްމިއްޔާތުގައި އޭނާއަށް ފްލޭގް ހަވާލުކޮށްދެއްވާފައެވެ. އަދި ކޮންޓިންޖެންޓުން ވަނީ އައިއޯއައިޖީގެ ރަސްމީ ކިޓް ރައީސް ސޯލިހަށް ހަދިޔާކުރައްވައިފައިވެއެވެ.

މޮރިޝަސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އައިއޯއައިޖީގައި ރާއްޖޭގެ ފަރާތުން 14 ކުޅިވަރެއްގައި މިފަހަރު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.