ރާއްޖޭގައި މަސައްކަތް ކުރާ ގާނުނީ ވަކީލުންނާ ބެހޭ ހުރިހާ ކަމެއް ބެލެހެއްޓުމަށް އެކުލަވައިލާ ބާ ކައުންސިލުގެ ވޯޓުލުން ފަށައިފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން މައުލޫމާތު ދިން ގޮތުގައި މާލޭގެ އިތުރުން އައްޑޫ ސިޓީގައި ވެސް މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނެއެވެ. މާލެ ސިޓީގައި ވޯޓުލުން ކުރިއަށް ގެންދަނީ ޖަމާލުއްދީން ސުކޫލުގައެވެ. ޖަމާލުއްދީން ސުކޫލުގައި ވަނީ ދެ ވޯޓުފޮށި ބަހައްޓާފައެވެ.

އެހެން ނަމަވެސް މިހާތަނަށް އައްޑޫ ސިޓީ ފޭދޫ ޝަރަފުއްދީން ސުކޫލުގައި ބަހައްޓައިފައިވާ ވޯޓު ފޮށްޓަށް ވޯޓުލުމަށް އެއްވެސް ފަރާތަކުން ގޮސްފައި ނުވާތީ ވޯޓުލުން ފަށާފައި ނުވާކަމަށް އީސީ އިން ބުނެއެވެ.

ބާ ކައުންސިލް އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން / ފޮޓޯ: އީސީ

މި އިންތިހާބުގައި ހޮވަނީ ބާ ކައުންސިލުގެ ރައީސް އަކާއި، ނައިބު ރައީސެއްގެ އިތުރުން 6 މެންބަރުންނެވެ. ބާ ކައުންސިލުގެ ރައީސް ކަަމަށް ދެ ބޭފުޅަކު، ނައިބު ރައީސް ކަމަށް ދެބޭފުޅެއްގެ އިތުރުން މެންބަރު ކަމަށް 19 ފަރާތަކުން ވަނީ ކުރިމަތިލައިފައެވެ.

އެގޮތުން ބާ ކައުންސިލުގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ، ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު އާއި، ގާނޫނީ ވަކީލު މައުމޫން ހަމީދެވެ. އަދި ނައިބު ރައީސް ކަމަށް ކުރިމަތި ލައްވާފައިވަނީ ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒާއި، ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު މުހައްމަދު ހަލީމެވެ.

ކައުންސިލް މެންބަރު ކަމަށް ކުރިމަތިލައިފައިވާ 19 ބޭފުޅުންނަކީ، އަލީ ނަސީރު ގާސިމް، އަނާރާ ނައީމް، އާމިނަތު އަރީޖު ހުސައިން، ޝަބާން ރަޝީދު، އަހުމަދު މުއިއްޒު، މުހައްމަދު ޝަފާޒު ވަޖީހު، ޑރ. މުހައްމަދު އިބްރާހިމް، ޒުބައިދު އަހުމަދު މަނިކު، މުހައްމަދު ފައިސަލް، އަބްދުއްސަލާމް އަރީފު، އަނަސް އަބްދުއްސައްތާރު، މުހައްމަދު ވަޖީހު ނަޖީބު، ސަފާ ޝަރީފު، އަބްދުލް މާނިއު، މުހައްމަދު ފަރީދު، ޒިމްނާ އަބްދުލް މުހުސިން، އައިޝާ ސުޖޫން ގެ އިތުރުން މުހައްމަދު އަސީލް އަދި އަލީ ޝާހު އެވެ.

ބާ ކައުންސިލް އިންތިހާބުގެ ވަގުތީ ނަޖީތާ މިއަދު އިއުލާން ކުރާނެ ކަމަށާއި، ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރާނެ ކަމަށް އީސީ އިން ބުނެއެވެ.