މަސްވެރިން ބާނާ މަސް ގަތުމަށް ވަކި ޒޯންތަކަށް ބަހާލައިގެން ވަކި ފަރާތަކަށް މަސް ގަންނަން އޮންނަ ކޮންޓްރޯލް ބަދަލުކޮށް އެންމެންނަށް އެކަން ހުޅުވާލައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް އޮޅުން ފިލުއްވުމަށް ގދ. ތިނަދޫގައި ބޭއްވި 'ޖަޒީރާ ހޮޅުއަށި' ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވަކި ޒޯންތަކަށް ބަހަލާގައިގެން ވަކި ފަރާތަކަށް މަސް ގަންނަން އޮންނަ ކޮންޓްރޯލް ބަދަލުކޮށް އެކަން ހުރިހާ ފަރާތްތަކަށް ހުޅުވާލައްވާނެ ކަމަށެވެ. އަދި އެގޮތަށް ހެއްދެވުމުން ކުރާ ފައިދާ ބޮޑުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިފްކޯގެ ކުރިމަގާ ގުޅޭގޮތުން ރައީސް ވިދާޅުވީ މަސް ގަތުމަށް ފަހު މިފްކޯ އިން ގިނަ މަސް ބޭރުކުރަނީ ފިނުކުރި މަހުގެ ގޮތުގައި ކަމަށާއި އެކަމަކު ދަޅުގައި ބަންދުކޮށްގެން ބޭރުކުރުމުން ލިބޭ އާމްދަނީ ހަތަރު ގުނަ އިތުރުވެގެންދާނެކަމަށެވެ. އެހެންކަމުން މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަށް މިފްކޯއަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަހަރެއްގެ މައްޗަށް ރާއްޖެއަށް ބާނަނީ 150،000 ޓަނުކަމަށެވެ. ނަމަވެސް މީގެ ތެރެއިން އަހަރެއްގެ މައްޗަށް މިފްކޯއަށް ގަނެވެނީ 42،000 ޓަނުގެ ކަމަށާއި، ބާކީ ގަންނަނީ އެހެން ފަރާތްތަކުން ކަމަށެވެ.

ރައީސް ވިދާޅުވީ ބާނާ މަހަށް ހޯދަންޖެހޭ، އަގު މިއަށްވުރެ އިތުރުކުރެވޭނެ ކިތައްމެ ގޮތެއް އެބަހުރި ކަމަށެވެ. އަދި މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ދިމާލަށް ކަމަށާއި، ގާނޫނީ ރައްކާތެރިކަން މަސްވެރިންނަށް ހޯދައިދެއްވާ އިތުރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ފަންނީ ތަޖުރިބާ ހޯދައި ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖެއަށް މި ބާނާ މަސް އަދި މިފްކޯ އަށް މި ގަންނަ މަސް ޕްރޮސެސްކޮށްގެން ވިއަސް ބޭރުކުރެވިއްޖެއްޔާ މިހާރު މި ލިބޭ އަގަށްވުރެ ބޮޑު އަގެއް ލިބޭނެކަމީ ޝައްކެއް ނެތް ކަމެއް. އެ އަގު ލިބޭ ކަމުގައިވާ ނަމަ މަސްވެރިންނަށް މިފްކޯއިން މަސްގަންނަން ދޭ އަގު އިތުރުކުރެވޭނެ. އެހެންވީމާ މިފްކޯއަށް ސަރުކާރުން ބޮޑު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި،"
ރައީސް ސޯލިހު

ރައީސް ވިދާޅުވީ މަސް ގަތުމަށްފަހު ރާއްޖެއިން ބޭރަށް ފިނިކުރި މަހުގެ ގޮތުގައި ބޮޑު ބައެއް ބޭރުކުރެވޭ އިރު، އެއަށްވުރެ ކޭން ކޮށްގެން، ބަންދުކޮށްގެން ބޭރުކުރީމާ ލިބޭ އަގު ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވާ ކަމަށެވެ. އަދި މިފްކޯއަށް ގަންނަ މަހުގެ ތެރެއިން ގާތްގަނޑަކަށް ކޭން ކުރެވެނީ 28-30 ޕަސެންޓު މަސް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރު އެކަނި ވެސް މަސްވެރިކަމަށް 813 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށެވެ. އަދި މި އަހަރު މިހާތަނަށް މަސްގަންނަން 467 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މަސްވެރިކަން ތަރައްގީކުރަން ޖާގަ އެބައޮތް ކަމަށާ ރާއްޖެ އަށް ބާނާ މަސް އިތުރުކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

ރައީސް ވިދާޅުވީ މިފްކޯއަކީ ގެއްލުން ނުވެ ފައިދާގައި ހިންގާ ކުންފުންޏަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާ ކަމަށާއި، މިއަހަރު ނިމޭއިރު އެކަން ހާސިލް ކުރެވޭނެކަމަށެވެ.