އާއްމުންގެ ހިޔާލު ހޯދަން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުން "ޖަޒީރާ ހޮޅުއަށި" ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތިނަދޫ އަށް ވަޑައިގެންފިއެވެ.

ޖަޒީރާ ހޮޅު އަށީގެ ތިންވަނަ ބައްދަލުވުން އޮންނާނި މިރޭ 8:30 ގައި ގދ. ތިނަދޫގައެވެ.

ޖަޒީރާ ހޮޅުއަށީގެ ތިނަދޫގައި ބާއްވާ ބައްދަލުވުމުގައި މަޝްވަރާކުރާނީ މަސްވެރިކަމާ ގުޅޭގޮތުންނެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ މަސްކަނޑުތަކުގެ ނަފާ ދިވެހި މަސްވެރިންނަށް ފުރިހަމަ ގޮތުގައި ހޯދާ ދިނުމަކީ މި ސަރުކާރުގެ މުހިންމު އެއް އަމާޒު ކަމަށެވެ. އަދި މިކަން ހާސިލް ކުރުމަށް ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދުމަށް ރައީސް ސޯލިހު ޖަޒީރާ ހޮޅުއަށީގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މިއީ ޖަޒީރާ ހޮޅުއަށީގެ ތިންވަނަ ބައްދަލުވުމެވެ. ކުރީގެ ދެ ބައްދަލުވުން ބައްވާފައިވަނީ މިދިޔަ ނޮވެމްބަރު އަދި މިދިޔަ ޖެނުއަރީ މަހުގައެވެ.

ތިނަދޫގައި ބާއްވާ ޖަޒީރާ ހޮޅުއަށި ބައްދަލުވުން ފަށާނީ މިރޭ 8:30 ގައެވެ.