ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ވަން މައްސަލަ ކަމާބެހޭ ފަރާތްތަކަށް ނުފޮނުވާ ލަސްކުރީ ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓު (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް ކަމަށް މޯލްޑިވްސް މަަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތުހުމަތުކޮށްފިއެވެ.

އެމްއެމްއޭއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެފްއައިޔޫ އަކީ އެއްވެސް ސިޔާސީ ނުފޫޒެއް ނެތި، މިނިވަންކަމާއެކު، އެޔުނިޓަށް ލިބޭ މައުލޫމާތާ ގުޅޭ ގޮތުން ފިޔަވަޅު އަޅައި، ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ މައުލޫމާތު ފޮނުވަންޖެހޭ ޔުނިޓަކަށް ވާއިރު، ޝައްކުކުރެވޭ މުއާމަލާތް ކަމަށް ހުށަހެޅިފައިވާ މުއާމަލާތްތައް ކަމާބެހޭ ފަރާތްތަކަށް ނުފޮނުވައި ލަސްކޮށްފައިވާ ކަމަށެވެ.

ޝައްކު ކުރެވޭކަމަށް ބުނާ މައުލޫމާތަކީ ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ވަން މައްސަލައެވެ. މި މައްސަލަ އޭސީސީ އަދި ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ.

އެމްއެމްއޭ އިން ބުނީ އަޝްރަފު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އިސްވެރިޔާގެ ގޮތުގައި ހުންނެވި ދުވަސްވަރު، ހާއްސަކޮށް 2018 ވަނަ އަހަރުގެ ތެރޭގައި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިފައިވާ ބައެއް ރިޕޯޓްތަކާ ގުޅޭ ގޮތުން އަޝްރަފު އިސްވެ ހުންނަވައި އަމަލު ކުރައްވާފައިވަނީ، އެފަދަ މައުލޫމާތު ލިބުމުން އަމަލުކުރަން އޮންނަ ގޮތާ ހިލާފަށް ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

"އެގޮތުން 2018 ޖޫންމަހުގެ ތެރޭގައި، ސިޔާސީ އިސްފަރާތެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ގިނަ އަދަދެއްގެ ފައިސާ އާއި ގުޅިގެން އެފްއައިޔޫ އިން އެކަން ތަހުގީގީ އިދާރާއަކަށް ނުފޮނުވައި ގިނަދުވަސްތަކެއް ކޮށްފައިވެއެވެ. އަދި މިކަމުގެ ސަބަބުން ރިޕޯޓާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ލަސްވިކަން ފާހަގަކުރެވެއެވެ،" އެމްއެމްއޭ

އެމްއެމްއޭއިން ބުނީ ޔާމީންގެ އެކައުންޓަށް ފައިސާ ވަން މައްސަލައާ ގުޅޭގޮތުން ފިޔަވަޅެއް ނާޅައި ބާއްވާފައި އޮތްކަން އެނގުނީ، އަޝްރަފު ރާއްޖޭގައި ނެތް ދުވަސްވަރެއްގައި ކަމަށެވެ.

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ މަސައްކަތް ކޮންމެ އަހަރަކު ހިނގި ގޮތުގެ ރިޕޯޓް ގާނޫނު ނަންބަރު 2014/10 ވާގޮތުގެ މަތިން ތައްޔާރުކޮށް އެގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފޮނުވަން ޖެހޭއިރު، އަޝްރަފު އެފްއައިޕީ ޔުނިޓުގެ ވެރިޔާގެ މަގާމާ ހަވާލުވިއިރު ކުރިއަށް ހިނގައިދިޔަ އަހަރާއި، އަޝްރަފު މަގާމާ ހަވާލުވި ފަހުން ހިނގައި ދިޔަ ދެ އަހަރުގެ އެއްވެސް ރިޕޯޓެއް ތައްޔާރު ކޮށްފައި ނުވާ ކަމަށެވެ.

"މީގެ އިތުރުންވެސް، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ފައިސާގެ މުއާމަލާތްތަކުގެ މައުލޫމާތު އެންމެ ފުރަތަމަ އެފްއައިޔޫއަށް ލިބިފައިވަނީ އަޝްރަފު އަތަށް ކަމަށްވުމުން، އެރިފޯޓާ ހަވާލުވެ ސޮއިކޮށްފައިވަނީ އަޝްރަފެވެ. އަދި އެކަމާގުޅޭ ހުރިހާ އެނަލިސިސްތައް ހަދާފައިވަނީ ވެސް އޭނާއެވެ،" އެމްއެމްއޭ

އެމްއެމްއޭ އިން ބުނީ އެފްއައިޔޫގެ ކުރީގެ ހެޑް އާތިފު ޝުކޫރު އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، އެފްއައިޔޫގެ އެންމެ އިސްވެރިއަކަށް ހުންނަވައި އެމްއެމްޕީއާރުސީގެ ރިޕޯޓްތަކާއި ބެހޭގޮތުން ފިޔަވަޅުއެޅުމުގެ ފުރުސަތު އަޝްރަފަށް ލިބިވަޑައިގެންނަމަވެސް، އެއްވެސް ފިޔަވަޅެއް އަޅުއްވާފައެއްނުވާ ކަމަށެވެ.

އަދި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެ އޮތޯރިޓީގެ ގަވަރުނަރު މަސައްކަތް ކުރައްވާފައި ވަނީ އެފްއައިޔޫއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދިނުމަށެވެ. އަދި އެ ޔުނިޓުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމުގައި އަދި އެއްވެސް މައްސަލައެއް ތަހުގީގީ އިދާރާއަކަށް ފޮނުވުމުގައި މިހާރުގެ ގަވަރުނަރު ހުރަސް އަޅުއްވާފައި ނުވާނެ ކަމުގެ ޔަގީންކަން އެމްއެމްއޭއިން ވަނީ ދީފައެވެ.

އަޝްރަފު އެ ޔުނިޓުން އެހެން ޔުނިޓަކަށް ބަދަލުކުރުމާއި ބެހޭގޮތުން މީޑިއާގައި ދެކެވޭ ބައެއް ވާހަކަތަކާއި ގުޅިގެން އެމްއެމްއޭއިން ބުނީ އެފްއައިޔޫއަކީ، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މަނީލޯންޑަރިންގެ ހަރަކާތްތަކާއި، ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތްތަކާއި ކުށްކޮށްގެން ހޯދާ މުދަލާގުޅޭ މައުލޫމާތު ހޯދައި، ދިރާސާކޮށް، އެހެން ފަރާތްތަކަށް ފޯރުކޮށްދޭ ގައުމީ މައި އިދާރާ ކަމަށެވެ.

އަދި އެ ޔުނިޓްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ގާނޫނުގައި ވަނީ ބަޔާންކޮށްފައިވާ އިރު އެ ޔުނިޓަކީ އެ ޔުނިޓަށް ލިބޭ މައުލޫމަތުތަކުގެ މައްޗަށް ބިނާކޮށް އެނެލިސިސްގެ މަސައްކަތްކުރާ އަދި ނިންމުންތައް ނިންމުގެ ފުރިހަމަ މިނިވަންކަން ލިބިދީފައިވާ ޔުނިޓެއް ކަމަށެވެ.

އަދި އަޝްރަފު އެފްއައިޔޫގެ ވެރިޔާގެ މަގާމުން އެމްއެމްއޭގެ އެހެން ސެކްޝަނަކަށް، މަގާމުގެ ގިންތިއަށް ބަދަލު ނާންގޮތަށް، އޭނާ ބަދަލުކުރަން ނިންމީ މަގާމުގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާކުރުމަށް ނުކުޅެދިފައިވާތީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް އެމްއެމްއޭއިން ބުނެއެވެ.